ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގެ ކަރަންގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު

ސްޓާ ޕްލަސް ގެ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” އިން މަޝްހޫރުކަން ހޯދި އެކްޓަރު ކަރަން މެހެތާގެ މައްޗަށް އޭނާގެ އަންހެނުން ނިޝާ ރާވަލް، ގެވެށި އަނިޔާގެ ތުހުމަތުކޮށްފިއެވެ.

‘ޓައިމްސް އޮފް އިންޑިއާ’ އިން ރިޕޯޓުކުރާ ގޮތުގައި، ނިޝާއަށް ގެވެށި އަނިޔާކުރި ކަމަށް ހުށަހެޅި މައްސަލައެއްގައި ކަރަން ވަނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެކަމަކު މާ ގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ. އެއާއެކު ‘ޕިންކްވިލާ’ އާ ވާހަކަދައްކަމުން ކަރަން ވަނީ އެ ހާދިސާގެ ތަފްސީލު ކިޔައިދީފައެވެ. ކަރަން ވަނީ ނިޝާގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ކަރަން ބުނީ އޭނާއަކީ އަންހެނުންނަށް އަނިޔާކުރާނެ ކަހަލަ މީހެއް ނޫންކަން އޭނާ ދަންނަ މީހުންނަށް އެނގޭނެ ކަމަށެވެ. އަދި ނިޝާއާ ދެމީހުންގެ ކައިވެނީގައި ދެބަސްވުންތަކެއް އުފެދި، ވަރީގެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއްވެއްޖެ ކަމަށް ބުންޏެވެ. އެގޮތުން މިއަދު ނިޝާއާއި ނިޝާ ބޭބެގެ ހާޒިރުގައި ދެކެވުނީ ވަރިވުމަށްފަހު ކަރަން ދޭންޖެހޭ ފައިސާގެ އަދަދުގެ ވާހަކަ ކަމަށާއި، އެކަމަކު ކަރަން ހުށަހެޅި އަދަދަށް އެމީހުން އެއްބަސް ނުވި ކަމަށް ބުންޏެވެ.

“ދެން އަހަރެން ކޮޓަރިއަށް ވަނީ މަންމައާ ފޯނުން ވާހަކަދައްކާލަން. ފޯނުގައި ހުއްޓައި ނިޝާ ކުއްލިއަކަށް އެތެރެއަށް ވަދެފަ ރުޅިގަދަކޮށްލައިގެން އުޅެންފެށީ. މަންމައަށް ވެސް އެ އަޑު އިވޭނެ. އަހަރެން އަވަހަށް ފޯނު ބާއްވާފަ ނިޝާ ހަމައަކަށް އަޅުވަން އުޅުނީމަ އަހަރެންގެ މޫނަށް ކުޅުޖެހީ”، ކަރަން ކިޔައިދިނެވެ.

ކަރަން ބުނީ ނިޝާއަކީ ބައިޕޯލާ ހުންނަ މީހެއް ކަމަށާއި، އަބަދުވެސް އޭނާގެ އުޅުމަށް އެފަދަ ބަދަލު ކުއްލި ކުއްލިއަށް އަންނަ ކަމަށެވެ.

ޒުވާބުގަނޑު ހައްލުނުވެ އުޅެނިކޮށް ނިޝާ އަމިއްލައަށް ހުރެފައި ފާރުގައި ބޯތަޅަން ފެށީ ކަމަށް ކަރަން ބުންޏެވެ. އެއަށްފަހު ބޭރަށް ނުކުމެފައި، އެއީ ކަރަން ދިން އަނިޔާއެއް ކަމަށް ބުނަން ފެށި ކަމަށް ބުންޏެވެ. އެއާއެކު ނިޝާގެ ބޭބެ ރުޅިއައިސްގެން ކަރަން އާ ދިމާއަށް އައިސް ކަރަން ގައިގައި ތަޅަންފެށި ކަމަށް ބުންޏެވެ. “އަހަރެން އޭނަގެ އަތުގަ ހިފަހައްޓާފަ ބުނިން ތިއީ ކޮންކަމެއްހޭ. މި ގޭގެ ހުރިހާ ތަނެއްގަ ކެމެރާ ހުންނާނެޔޭ، ވީ ގޮތް ފެންނާނެޔޭ ރީތިކޮށް. އެކަމަކު ކެމެރާތައް ނިވާލާފައި ހުރިކަން އެނގުނީމަ އަހަންނަށް ލިބުނީ ހައިރާންކަން”.

ކަރަން ބުނީ އެއީ ނިޝާއާއި އޭނާގެ ބޭބެ ރާވައިގެން ކުރި ކަމެއް ކަމަށެވެ. އެންމެފަހުން ފުލުހުން އައިސް ކަރަން ގެންދިޔައީއެވެ. އެކަމަކު ދެފަރާތުގެ ވާހަކަ އަޑުއަހާފައި ކަރަން އަށް ކަފާލާތު ލިބުނެވެ.

“14 އަހަރު އެއްކޮށް އުޅުމުން އެންމެފަހުން ކަންތައް ވީ ގޮތް މިހުރީ. ނިޝާގެ ބޭބެ ރޯހިތު އަހަރެންގެ އާއިލާގެ މީހުންނަށް މަރުގެ އިންޒާރު ވެސް ދީފި”.

ކަރަންގެ ވާހަކަ މިހެން ހުއްޓަސް، ނިޝާއާއި އޭނާގެ ގާތް އެކުވެރިން ބުނަނީ ކަރަން ހަގީގަތުގައި ވެސް އޭނާއަށް އަނިޔާ ކުރި ކަމަށެވެ. އަދި މިހާރު އެއުޅެނީ އަމިއްލަ އަގު ވެއްޓިދާނެތީ ވާހަކަ އޮޅުވާލަން ކަމަށްވެސް ބުންޏެވެ.

ކަރަން އާއި ޓީވީ އެކްޓްރެސް ނިޝާ ކައިވެނި ކުރީ 2012 ގައެވެ. އެ ކައިވެންޏަށް ކުއްޖަކު ވެސް ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!