އިތުރު 768 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން މިއަދު 768 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން 373 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުން ކަމަށެވެ. އެއާއެކު މީހުން ދިރިއުޅޭ ރަށްރަށުން 357 މީހަކާއި މިވަގުތު ހިންގަމުން ނުދާ ރިސޯޓުތަކުން 15 މީހަކާއި ތަރައްގީ ކުރަމުންދާ ރަށަކުން 15 މީހެކާއި ލިވަބޯޑުން 8 މީހަކު މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 24،035 އަށް އަރާފައެވެ. އަދި ކޮވިޑް ޖެހުނު 65،164 މީހުންގެ ތެރެއިން 40،951 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 169 އަށް އަރާފައެވެ.

މިއަދު މި ބަލީގައި 8 މީހަކު މަރުވެފައި ވާއިރު އެމީހުންގެ ތެރޭގައި އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްއަށް ގެންދިޔަ 88 އަހަރުގެ ދިވެހި އަންހެނެއް ހިމެނެއެވެ. ހަމައެއާއެކު އެޗްއެމްއެފްއިން ފަރުވާ ދެމުން ދަނިކޮށް މިއަދު 5 މީހުން މަރުވެފައިވެއެވެ. އެއީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނެއް ގެ އިތުރުން 83 އަހަރުގެ އަންހެނެކެވެ. މީގެ އިތުރުން މިއަދު އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް 87 އަހަރުގެ ދިވެހި ފިރިހެނަކާއި ޑީއެޗް 11 ފަރުވާ ދެމުންދިޔަ 42 އަހަރުގެ އަންހެނެއް ވެސް ވަނީ މަރުވެފައެވެ.

މިއަހަރު ކޮވިޑް ކޭސްތަކާއި މަރުގެ އަޕްޑޭޓް:

  • މެއި 2021 – 34،561 ޕޮޒިޓިވް ކޭސް، 88 މަރު
  • އޭޕްރީލް 2021 – 5756 ޕޮޒިޓިވް ކޭސް، 6 މަރު
  • މާޗް 2021 – 4286 ޕޮޒިޓިވް ކޭސް، 5 މަރު
  • ފެބްރުއަރީ 2021 – 3952 ޕޮޒިޓިވް ކޭސް، 10 މަރު
  • ޖެނުއަރީ 2021 – 2084 ޕޮޒިޓިވް ކޭސް، 4 މަރު

މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 65،000 އިން މައްޗަށް ގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!