ކޯވިޑް-19 : މިއަދުގެ 8ވަނަ މަރު

ކޯވިޑް-19 ޖެހިގެން އިތުރު 2 މީހަކު މިރޭ ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މިރޭ 8:11 ހާއިރު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އެގާރަވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި މިރޭ 7:55 ހާއިރު ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މިމީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއީ ކޯވިޑް ބަލީގައި މިއަދު ނިޔާވި 8 ވަނަ މީހާއެވެ. އަދި މިއީ މިބަލީގައި މިހާތަނަށް ނިޔާވި 169 ވަނަ މީހާއެވެ.

ކޯވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވި އަނެއް 6 މީހުންގެ ތެރެއިންވެސް 4 މީހުންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. އަނެއް ދެމީހުންގެ ތެރެއިން އެކަކީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އުމުރުން 89 އަހަރުގެ ދިވެހި އަންހެނެކެވެ. ދެން ނިޔާވެފައިވަނީ އޭދަފުށީގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލީޓީގައި ފަރުވާ ހޯދަމުންދިޔަ ޢުމުރުން 87 އަހަރުގެ ފިރިހެނެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ނިޔާވެފައިވަނީ 62 އަހަރުގެ ދިވެހި ފިރިހެނަކާއި، 70 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނެއްގެ އިތުރުން 59 އަހަރުގެ އަންހެނެކެވެ.

އޭދަފުށީ ފެސިލިޓީން ނިޔާވި މީހަކީ އެތަނުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ފުރަތަމަ މީހާއެވެ. މީގެ ކުރިންވެސް ބ.އަތޮޅުން 3 މީހަކުވަނީ ކޯވިޑް ބަލީގައި ނިޔާވެފައެވެ. އެތިން މަރުވެސް ކޯވިޑް މަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމީހުން ނިޔާވުމާއި ގުޅިގެން ހެދި ސާމްޕަލް ޓެސްޓުން ކޯވިޑަށް ޕޮޒިޓިވްވުމުންނެވެ.

ކޯވިޑް ރާއްޖޭގައި މިހާތަނަށް އެންމެ ނުރައްކާތެރިވެގެން ދިޔައީ ނިމިދިޔަ މޭ މަހުގައެވެ. މޭ މަހު 34516 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!