ހަރުކަށި ފިކުރުގެ މީހުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ޓެރަރިޒަމްއާ ދެކޮޅަށް އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަރުކަށި ފިކުރުގެ 8 މީހުންގެ ތެރެއިން 5 މީހަކު ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މިމަހުގެ 15 ވަނަ ދުވަހު އައްޑޫއިން ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އަށް މީހުންގެ ބަންދަށް ޖަހާފައިވާ 15 ދުވަސް ހަމަވުމާއިއެކު އެ މުއްދަތު އިތުރުކުރުމަށް ފުލުހުން، އެމީހުން ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭގެތެރެއިން ފަސް މީހަކު ވަނީ ބަންދުން ދޫކޮށްލާފައެވެ. 

މި މައްސަލަ އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ނިންމީ އިއްޔެއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެ ފަސް މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓަށް ހުށަޙަޅާފައިވާ ކަމަށެވެ. އަދި މައްސަލައިގެ އަޑުއެހުން އޮންނަ ދުވަހެއް އެނގޭނީ މައްސަލަ ރަޖިސްޓްރީ ކުރެވޭތާ ހަތް ދުވަސް ވުމުން ކަަމަށްވެސް ވިދާޅުވިއެވެ.

އެ ފަސް މީހުން ދޫކޮށްލާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަށްފަހު ހަރުކަށި ފިކުރާއި ދެކޮޅަށް ރާއްޖޭގައި ފުލުހުން އަންނަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.  އެއޮޕަރޭޝަންތަކުގެ ތެރެއިން ފުލުހުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން ހައްޔަރުކުރަމުންނެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!