ރެވެނިއު ސްޓޭމްޕް ޖެހުން އުވާލަން ފާސްކޮށްފި

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމަށް އެކަމާ ބެހޭ ގޮތުން ހުށަހެޅި ބިލު ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ވަނަ އަހަރުން ފެށިގެން އަމަލުކުރަންދާ އެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ.

އާޒިމް ހުށަހެޅުއްވި ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީގެ އަގުލަބިއްޔަތުން ވަނީ އެ ގާނޫނު އުވާލަން ފާސްކޮށްފަ އެވެ. ދެން އެކަމާމެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ. ބިލް ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް މިހާރު ހިނގާ ހަރަދާ ބަލާއިރު އެކަމުގެ ތެރެއިން އެކަށީގެންވާ އާމްދަނީއެއް ލިބެމުން ނުދާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ވިޔަފާރި ކުރުމަށް އޮތް ފުރުސަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ޓަކައި، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލަން ހުށަހެޅީކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލު ހުށަހަޅަނީ، ސަރުކާރުން އެކުލަވާލާފައިވާ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި “ޑުއިން ބިޒްނަސް” ފަސޭހަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށް ވެފައި ދައުލަތުގެ އެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އެހެނިހެން އާލާތްތައް ތައާރަފު ވުމާއެކު މި އިންތިޒާމުން ލިބޭ އާމްދަނީ ދައްވަމުން ދިއުމާއި ސްޓޭމްޕް ޕްރިންޓް ކުރުމަށް ހަރަދުތަކެއް ހިނގާތީ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ސަރުކާރުގެ އެކިއެކި ލިޔުންތަކާއި ސެޓްފިކެޓް ތަކުގައި 50 ލާރިން ފެށިގެން 1000 ރުފިޔާއާ ހަމައަށް ރެވެނިއު ސްޓޭމްޕް ޖަހަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!