އަކްޝޭއާ ރޭކާ މާ ގާތްވާން ފެށުމުން ރަވީނާ އައި ރުޅީގައި ކަންތައްކުރި ގޮތް އެނގޭތަ؟

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރު ކަމަށްވާ އަކްޝޭ ކުމާރު، އޭނާގެ ކެރިއަރުގެ ފުރަތަމަކޮޅު ބައެއް ބަތަލާއިންނާ ލޯބީގެ ގުޅުން ބޭއްވިއެވެ. އޭގެތެރެއިން އެންމެ އަޑުގަދަ ވެގެންދިޔަ ގުޅުމަކީ، 1990 ގެ ބަތަލާ ރަވީނާ ޓެންޑޮން އާ އޮތް ގުޅުމެވެ. އަކްޝޭއާއި ރަވީނާ ދިމާވެ ލޯބީގެ ގުޅުމެއް އުފެދުނު ކަމަށް ވަނީ ބްލޮކްބަސްޓާ ފިލްމު “މޮހްރާ” ގެ ޝޫޓިންގެ ތެެރެއިންނެވެ. އެއަށްފަހު މިދެތަރިން ވަނީ އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައެވެ.

އެހެންނަމަވެސް އަކްޝޭ “ކިލާޅިޔޯން ކާ ކިލާޅީ” ގައި މަސައްކަތްކުރި ދުވަސްވަރު އަކްޝޭއާއި ރަވީނާއާ ދެމެދު ވަނީ ބޮޑު މައްސަލައެއް ޖެހިފައެވެ. އެ މައްސަލަ ގުޅެނީ އެ ފިލްމުގެ ބަތަލާ ރޭކާއާއެވެ. އަކްޝޭއާއި ރޭކާއާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާ ކަމުގެ އަޑުތައް ފެތުރެން ފެށުމާއެކު ރަވީނާ ހުރީ ހިތްހަމަނުޖެހިފައެވެ. އެކަމަކު އަކްޝޭގެ ހިތުގައި ރޭކާއާމެދު އެކަހަލަ އިހުސާސެއް ނެތްކަން ރަވީނާ ވަނީ ޔަގީންކޮށްފައެވެ.

އޭރުގެ ބައެއް އިންޓަވިއުތަކުގައި އެކަމާ ބެހޭގޮތުން ވާހަކަދައްކަމުން ރަވީނާ ބުނީ، ރޭކާއާ ހެދި އަކްޝޭ ނޫޅޭ ކަމަށާއި، އޭނާ ބެލީ ވީހާވެސް ދުރުގައި އުޅެވޭތޯ ކަަމަށެވެ. އެދެމެދުގައި އޮތްހާ ގުޅުމަކީ ވެސް “ކިލާޅިޔޯން ކާ ކިލާޅީ” ގައި އެކުގައި މަސައްކަތް ކުރާތީ އޮންނަ ގުޅުން ކަމަށް ރަވީނާ ވަނީ ބުނެފައެވެ. އެކަމަކު އޭގެ އަނެއްކޮޅުން ރޭކާ ހުރީ އަކްޝޭއާ ހެދި މޮޔަވެފައި ކަމަށް ރަވީނާ ތުހުމަތުކުރިއެވެ. އެގޮތުން އަކްޝޭއަށް ތައްޔާރުކޮށްގެން ރޭކާ ގެއިން ކާއެއްޗެހި ފިލްމުގެ ސެޓަށް ގެންނަ ހިސާބަށްވެސް ދިޔަ ކަމަށް ބުންޏެވެ.

“އެހިސާބުން އަހަންނަކަށް ނުހުރެވުން. އެއީ ދެން ބޮޑުވަރޭ އަހަރެންގެ ހިތަށް އެރީ”، އެ އިންޓަވިއުގައި ރަވީނާ ބުނެފައިވެއެވެ.

އެންމެފަހުން ރަވީނާ ސީދާ ރޭކާއާ ބައްދަލުކުރަން ދިޔައެވެ. އަދި ގޮސްފައި، އަކްޝޭއާ ދުރުގައި އުޅުމަށް އިންޒާރުދިން ކަމަށް ވެސް ވެއެވެ.

ކޮންމެއަކަސް، އެކަންތައް އެހިސާބަށް ދިޔަ ކަމުގައި ވެސް އެންމެފަހުން އަކްޝޭއާއި ރަވީނާގެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ. އަކްޝޭ 2001 ގައި ކައިވެނީގެ ގޮށް ޖެހީ ބަތަލާ ޓްވިންކަލް ކަންނާއާއެވެ. އަނެއްކޮޅުން ރަވީނާ 2004 ގައި ފިލްމު ޑިސްޓްރިބިއުޓަރު އަނިލް ތަދާނީއާ ކައިވެނިކުރިއެވެ. އެކަމަކު 66 އަހަރުގައި ރޭކާ އަދިވެސް ހުރީ ހުސްކޮށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!