ކަމާލް ބުނަނީ ސަލްމާންގެ ކެރިއަރު ހަލާކުކޮށްލާނެ ކަމަށް

ބޮލީވުޑްގެ ފިލްމުތަކަށް ފާޑުކިޔައިގެން މަޝްހޫރުކަން ހޯދާފައިވާ ކްރިކެޓް ކަމާލް އާރް ޚާން، އެކްޓަރު ސަލްމާން ޚާންގެ ކެރިއަރު ހަލާކުކޮށްލާނެ ކަމަށް ބުނެފިއެވެ.

ކަމާލާއި ސަލްމާނާ ދެމެދު މިފަހުން ބޮޑު މައްސަލަގަނޑެއް އުފެދިގެން އުޅެނީ، ކަމާލް އާ ދެކޮޅަށް ސަލްމާންގެ ޓީމުން ކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ. އެވާހަކަ އެންމެފުރަތަމަ އާންމުންނާ ހިއްސާކުރަމުން ޓްވިޓާގައި ކަމާލް ބުނީ، ސަލްމާންގެ ޓީމުން އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފައިވަނީ، ސަލްމާންގެ ފަހުގެ ފިލްމު “ރާދޭ” އަށް ކަމާލް ފާޑުކިޔުމުން ކަމަށެވެ. އަދި ސަލްމާން ހިތްހަމަނުޖެހޭ ނަމަ ދެން ދުވަހަކުވެސް އޭނާގެ ފިލްމަކަށް ރިވިއު ނުލިޔާނެ ކަމަށް އެ ޓްވީޓުގައި ބުނެފައިވެއެވެ.

އެކަމަކު އޭގެ މާ ގިނައިރުތަކެއް ނުވަނީސް ކަމާލް ކުރި ދެވަނަ ޓްވީޓުގައި ބުނީ، ދެން ސަލްމާން އާދޭސްކުރި ކަމުގައި ވިޔަސް ސަލްމާންގެ ފިލްމުތަކަށް ފާޑުކިޔުން ނުހުއްޓާނެ ކަމަށެވެ. ފަހުން ސަލްމާންގެ ޤާނޫނީ ޓީމުން ބުނީ ސަލްމާންގެ ފަރާތުން ކަމާލް އާ ދެކޮޅަށް އަބުރުގެ ދައުވާ އުފުލާފައިވަނީ “ރާދޭ” އަށް ފާޑުކިޔައިގެން ނޫން ކަމަށެވެ. އެއީ ހަގީގަތުގައި ކަމާލް، ސަލްމާންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ވާހަކަތަކެއް ފަތުރާފައި އޮތުމުންނެވެ.

ކޮންމެއަކަސް، ސަލްމާނާ ދެކޮޅަށް ޓްވީޓުކުރަން ފެށުމުން ސަލްމާންގެ ދިފާޢުގައި ބައެއް ފަންނާނުން ވަނީ ނުކުމެފައެވެ. އޭގެތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގު ހިމެނެއެވެ.

ކަމާލް މިއަދު ކުރި ޓްވީޓެއްގައި ވަނީ ސަލްމާނަށް “ބޮލީވުޑް ގުންޑާ” ގެ ނަމުން މުޚާތަބުކޮށްފައެވެ. އޭނާ ބުނީ ހިތްވަރު ހުރި ނަމަ އޭނާއާ ކުރިމަތިލާނީ ސަލްމާން އަމިއްލައަށް ނުކުމެ ކަމަށާއި، ތާކުންތާކު ނުޖެހޭ ލަވަކިޔުންތެރިންނާއި އެކްޓްރެސުންގެ ފަހަތުގައި ފިލާ ހުރެގެން ނޫން ކަމަށެވެ. “ކަލޭގެ ކެރިއަރު ބަރުބާދުކޮށް، ޓީވީ އެކްޓަރެއްގެ ފެންވަރަށް ވައްޓާލާން އަހަރެން ހުވާކުރަން”، ކަމާލް ލިޔެފައިވެއެވެ. އަދި މިއީ ސަލްމާންގެ ނިމުން ކަމަށް ބުންޏެވެ.

ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައި ވަނީ ކަމާލް ވަނީ އެ މޭރުމުން ސަލްމާނާ ދިމާއަށް އެއްޗެހި ކިޔައިފައެވެ.

ކަމާލް އާރް ޚާނަކީ މީގެކުރިން ވެސް އެކި ތަރިންނާ ދިމާއަށް އެއްޗެހި ކިޔައިގެން އަބުރުގެ ދަޢުވާއާ ކުރިމަތިލާން ޖެހިފައިވާ މީހެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!