އީސަގެ މައްޗަށް ދައުވާކުރަން ފޮނުވަނީ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމައި، ދައުވާކުރަން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަސްރާ އަމިއްލަ އަށް ފުލުހަށް ހުށަހެޅުއްވި މި މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާ ފަހުން އެދިވަޑައިގެންފައިވީ ނަމަވެސް، ފުލުހުން ނިންމީ އެ ތަހުގީގު ކުރިއަށް ގެންދިއުމަށެވެ. މި މައްސަލަ ނުބަލަން އަސްރާ އެދިވަޑައިގަތީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން އޭރު ބުނެފައި ވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވެގެން ހުށަހެޅިޔަސް، ޖިނާއީ މައްސަލަތައް ތަހުގީގުކުރާއިރު، މައްސަލައިގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އަނިޔާތަކާ ގުޅިގެން އަސްރާ އަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފަ އެވެ.

އެނގިފައިވާ ގޮތުގައި އީސަ އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ އާއި އީސަ ދިރިއުޅުނު ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބަޔެކެވެ.

އީސަ ހައްޔަރުކުރަން ޕީޖީ އޮފީހުން މީގެ ކުރިން ކޯޓު އަމުރަކަށް އެދުނު ނަމަވެސް އެ އަމަރު ނެރެދީފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!