ދުންފަތާ ދުރުވާން ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ކޯވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި، ޚާއްޞަކޮށް ދުންފަތުގެ އިލްތިމާސްކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ މި އަހަރުގެ ދުންފަތުގެ އިލްތިމާސް ނުކުރާ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެފައިވާ މިހާލަތުގައި، ދިފާއީ ނިޒާމު އިތުރަށް ބަލިކަށިވެ، ކޯވިޑްގެ ސަބަބުން މީހާގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމާ ކޯވިޑް-19 އަކީވެސް ފުއްޕާމެޔާ ނޭވާލާ ނިޒާމު ބަލިކޮށްލާ ކަމަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކޯވިޑް-19އަށް ހުށަހެޅިއްޖެ ނަމަ އެކަމުގެ ހުރި ނުރައްކާ އިތުރަށް ބޮޑުވެގެންދާ ކަމަކަށްވުމުން، މި އާދައިގެން މިހާލަތުގައިވެސް ދުރުހެލިވުމަށް އަޒުމް އާކުރުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑް ބައްޔަށް ޕޮޒިޓިވްވި މީހުންގެ، 62 އިންސައްތައަށް ވުރެ މަތީ ޢަދަދެއްގެ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. ރާއްޖޭގެ އާބާދީގެ 40 އިންސައްތައަށް ވުރެ މަތީ ނިސްބަތެއްގެ މީހުން ދުންފަތުގެ އިސްތިޢުމާލުކުރާއިރު، އޭގެ ތެރެއިންވެސް ވަރަށް މަތީ އިންސައްތައެއް ފެތެނީ މި ޢުމުރުފުރާ އަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އިސްރާފުތައް ހުއްޓާލައި އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާޞަބު ވަގުތުކަން ފާހަގަކުރެއްވިއެވެ.

ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ޚިޠާބުގައި އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކޮށް، އެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް، އެކި ގޮތްގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!