ރީތިވާން ބޭނުމިއްޔާ ކޮފީ ވަރެއް ނެތް!

ކޮފީ އަކީ ހެނދުނުގެ ނިދިގަނޑު ފިލުވައިލަން އެއްވަނައިގެ ބުއިމެކެވެ. ރާއްޖޭގެ ގިނަ ޒުވާނުންނަކީ ކޮފީއަށް ދެވިހިފާފައި ތިބި ބައެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެކަމަކު، ކޮފީ އަކީ ހަމައެކަނި ބޯން ހުންނަ އެއްޗެއް ނޫންކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ހަންގަނޑު ތާޒާކޮށް، އުޖާލާކަންމަތީ ދެމެހެއްޓުމަށް ކޮފީ ވަރެއް ހަމަ ހަގީގަތުގައިވެސް ނެތެވެ. މިފަހަރު މި ކިޔައިދެނީ، “ކޮފީ މާސްކް” އަކުން ހަންގަނޑަށް ލިިބޭ ގިނަގުނަ ފައިދާތަކުގެ ތެރެއިން ބައެއް ފައިދާތަކެވެ.

  • ފަލަމަސްގަނޑުގައި ‘ސެލިއުލައިޓް’ ހުރުމަކީ ގިނަ އަންހެނުންނަށް ކުރިމަތިވެފައިވާ ކަމެކެވެ. ބަލާބެލުމަށް ހީވާނީ ރޫޖެހިފައި ހުންނަ ހެނެވެ. ދިރާސާތަކުން ދައްކާގޮތުގައި، 21 އަހަރުން މަތީގެ 85 އިންސައްތަ އަންހެނުންގެ ސެލިއުލައިޓް ހުރެއެވެ. ކޮފީ ސްކްރަބް އެއް ބޭނުންކޮށްގެން ސެލިއުލައިޓް މަދުކުރެވޭނެއެވެ.
  • މޫނުމަތިން ފެންނަ ދުވަސްވުމުގެ އަލާމަތްތަކުން ދުރުވުމަށްވެސް ކޮފީ އެހީވެދެއެވެ. މިސާލަކަށް ރޫޖެހުމާއި، ހަންގަނޑު ކުރެކިވުން ފަދަ އަލާމަތްތައް އޭގެތެރޭގައި ހިމެނެއެވެ.
  • ޤަވާއިދުން މޫނުގައި ކޮފީ މާސްކު ބޭނުންކުރުމުން، ބިހި ނެގުން ހުއްޓުވައިދެއެވެ.
  • މޫނުމައްޗަށް ތާޒާކަން ގެނުވައި އެކްސްފޮލިއޭޓް ކުރުމަށް ވެސް ކޮފީ އަކީ އެންމެ ރަނގަޅު އެކައްޗެވެ.
  • ކޮފީ ސްކްރަބުން ލޯ ކައިރި ކަޅުވުން ފިލުވައިދެއެވެ.
  • މޫނުމަތީގައި ވަޅު ހެދިފައި ހުންނައިރު، އެވަޅުތަކުގެ ތެރެއަށް ޖަރާސީމާއި ހިރަފުސް ވަނުން ދުރުކޮށްދިނުމަކީ ވެސް ކޮފީ މާސްކުން ކޮށްދޭ ކަމެކެވެ.
  • އަވިން ހަންގަނޑު އެނދުމުން ދޭން އެންމެ ރަނގަޅު އެއް ފަރުވާއަކީ ކޮފީ މާސްކެވެ.

އެންމެ ފަސޭހައިން ކޮފީ މާސްކު ތައްޔާރުކުރާނެ އެއްގޮތަކީ، އެއް މޭޒުމަތީ ސަމުސާ ކޮފީ (މުގުރާފައި ހުރި) އާއި އެއް ސަމުސާ ރޯ ކިރު ބޯތަށްޓަކަށް އަޅާފައި އޮލަވަންދެން އެއްކޮށްލާނީއެވެ. ދެން ރަނގަޅަށް އޮލަވުމުން މޫނުގައި އުނގުޅާނީއެވެ. ކުޑަކޮށް މަސާޖު ކޮށްލުމަށްފަހު 20 މިނިޓު ވަންދެން ހިކެން ބަހައްޓާފައި ފިނިފެނުން މޫނު ދޮވެލާށެވެ. ހަފްތާއަކު މަދުވެގެން ދެދުވަހު މިގޮތަށް އުނގުޅުމުން ރަނގަޅުވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!