އާއްމު ތަންތަނަށް އުކާލާފަހުރި 50 ޓަނަށްވުރެ ގިނަ ކުނި ހުޅުމާލެއިން ނަގައިފި

ހުޅުމާލޭ ސާފުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި، 10 ދުވަހުގެތެރޭގައި 50ޓަނަށްވުރެ ގިނަ ކުނި ނަގައިފިއެވެ. މި ޕްރޮގްރާމަކީ ހުޅުމާލެއަކީ ސާފު، ރައްކާތެރި ތަނަކަށް ހެދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ހުޅުމާލޭ ސާފުކުރުރުމަށް ފަށާފައިވާ ޕްރޮގްރާމަކީ ހުޅުމާލޭ ނެއިބަހުޑްތަކާ، އާއްމުކޮށް މީހުން އެއްވެއުޅޭ ސަރަޙައްދުތައް ސާފުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ ހުޅުމާލޭގަ ދިރިއުޅޭ މީހުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް ހުޅުމާލެއަކީ ސާފު ސިއްޙީ ގޮތުން ރައްކާތެރި ތަނަކަށް ހަދައިދިނުންކަމަށެވެ.

މިޕްރޮގްރާމް ފަށައިގެން ވޭތުވެދިޔަ 10 ދުވަހުގެތެރޭގައި 54 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ ގޭގެއިން ނެރެ އެކި ތަންތަނަށް ޖަމާކޮށްފައިވާ ކުނީގެ ބާވަތްތަކެވެ. އެގޮތުން އެކި ސަރަޙައްދުތަކަށް ޖަމާކޮށްފައިވާ ހަލާކުވެފައި ހުންނަ ފަރުނީޗަރާ އުނދުނާއި އެހެނިހެން ސާމާނު ހިމެނެއެވެ.

އެޗްޑީސީންވަނީ ހުޅުމާލެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ބުނެފައެވެ. ހުޅުމާލޭގައި ކުނި އުކާލުމުގެ ޚިދުމަތްދެނީ ވެމްކޯއިންނެވެ. ބަދިގެއިން އުކާލާ ކުނީގެ އިތުރަށް، ގޭގެއިން އުކާލާ ބޮޑެތި ކުނި އުކާލުމުގެ ޚިދުމަތްވެސް ވެމްކޯއިން ދެއެވެ. ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުންވެސް މިޚިދުމަތްތަކުގެ ބޭނުން ހިފާ، ފްލެޓްތަކާ މަގުތަކަށް ކުނި ޖަމާކޮށްފައި ނުބެހެއްޓުމަށް އެޗްޑީސީން ދަނީ އެދެމުންނެވެ. އަދި މަގުމައްޗަށް ކުނި އެޅުމުގެ ބަދަލުގައި، މަގުތަކާއި އާއްމު ތަންތަނުގައި ހުންނަ ޑަސްބިން ބޭނުންކުރުމަށް އަހުލުވެރިވުމަށް ދަނީ އެދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!