މިހާރު ހަމަޖައްސާފައިވާ ތާރީހުގައި އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދާނެ: މިނިސްޓްރީ

ކޮވިޑު-19 ގެ ހާލަތު ގޯސްވި ނަމަވެސް މިހާރު ތާވަލްކޮށްފައިވާ ގޮތަށް އެޗްއެސްސީ އިމްތިހާނު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އޭ ލެވެލްގައި ކިޔަވާ ދަރިވަރުންގެ އިސްލާމް އަދި ދިވެހި ޕޭޕަރު އަންނަ މަހުގެ 13-17 އަށް އޮންނާނެ ކަމަށެވެ.

ގްރޭޑު 11 އަދި 12 ގައި ކިޔަވާ ދަރިވަރުންގެ އިސްލާމާއި ދިވެހީގެ ފަހު ޓެސްޓު ބާއްވަން ނިންމިޔަސް، ކޮވިޑާ ހެދި މާލެ ސަރަހައްދުގެ ހުރިހާ ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. އޭގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި މި ވަގުތު ވެސް 60 އަށްވުރެ ގިނަ ރަށް އެބައޮތެވެ.

“އިރާދަކުރެއްވިއްޔާ މިހާރު ތާވަލްކުރެވިފައި އިން ގޮތަށް ދިވެހިރާއްޖޭގެ ހުރިހާ [އިމްތިހާނު] ސެންޓަރުތަކެއްގައި އެޗްއެސްސީ އެގްޒަމިނޭޝަން ކުރިއަށްދާނެ. އަދި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން ސެންޓާ ޓްރާންސްފާ ކުރަން ބޭނުންވާ ދަރިވަރުން ވެސް އެބައުޅޭ،” އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމްތިހާނު ހަދާ މަރުކަޒު ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

“..އަޅުގަނޑުމެން އެޗްއެސްސީ އިމްތިހާނުގެ ހުރިހާ ތައްޔާރީތަކެއް ވާނީ ކޮށް ނިމިފައި. އެހެންވީމަ، އިރާދަކުރެއްވިއްޔާ މިހާރު ތާވަލްކުރެވިފައިވާ ގޮތަށް އެގްޒާމް ކުރިއަށްދާނެ،” އިހުސާން ވިދާޅުވި އެވެ.

އިސްލާމާއި ދިވެހި ޓެސްޓު ބޭއްވިއަސް، އޭ ލެވެލްގެ ތިން ޕޭޕަރެއް ލީކްވެ އިމްތިހާނުގެ ސައްހަކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ، މިިދިޔަ މަހުގެ 26 ގައި ފެށި އިމްތިހާނު ރާއްޖެއިން ވަނީ ކެންސަލްކޮށްފަ އެވެ. އެއާއެކު، ޓީޗާ ބޭސްޑް އެސެސްމަންޓަކަށް ދަރިވަރުންނަށް ފުރުސަތު ދީފައި ވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!