ޕޮޒިޓިވް ދަރިވަރުންނަށް އިމްތިހާނެއް ނެތް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދަަރިވަރުންނާއި ކަރަންޓީންގައި ތިބޭ ދަރިވަރުންނަށް ސުކޫލުގެ ފަހު އިމްތިހާނު ނުހެދުނު ނަމަވެސް އެސެސްމަންޓް ޕޮލިސީއާ އެއްގޮތަށް އެ ކުދިންގެ ފެންވަރު ބެލުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިހާރު ކުރިއަށްދާ ފަހު އިމްތިހާނުގައި ކޮވިޑް ޖެހިފައިވާ ކުދިންނާއި ކަރަންޓީންގައި ތިބޭ ކުދިންނަށް ބައިވެރިނުވެވޭ ކަމަށް ބުނެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މިއަދު އެޗްއީއޯސީގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮވިޑް ޖެހިފަައިވާ ކުދިން އެހެން ކުދިންނާއެކު ސުކޫލަށް ގެނައުމަކީ ވަރަށް ރިސްކީ ކަމެއް ކަމަށާ އެޗާންސް ނަގަން ބޭނުންނުވާ ކަމަށެވެ.

ފަހު އިމްތިހާނު ދެނީ ކީ ސްޓޭޖް ތިނެއް އަދި ހަތަރެއްގެ ދަރިވަރުންނަށެވެ. އެއީ ގުރޭޑް ހަތަކުން މަތީ ގުރޭޑްތަކެވެ.

މިނިސްޓަރު ވިދާޅުވީ އޯލެވެލް އާއި އޭލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ޕޮޒިޓިވްވެފައިވާ އަދި ކަރަންޓީންގައި ތިބި ދަރިވަރުންނަށް ހާއްސަ ގޮތްތަކެއް ހަމަޖައްސައިދިނީ އެ އިމްތިހާނު އެ ކުދިންނަށް ހުރިހާ ގޮތަކުންވެސް މުހިންމުވާތީ ކަމަށެވެ. ނަމަވެސް ސުކޫލުގެ އިމްތިހާނެއްގައި އެ ރިސްކު ނަގައިގެން ކުދިން ބައިވެރިކުރަން ބޭނުން ނުވާ ކަމަށެވެ.

“ކޮވިޑް ބަލިޖެހިފައި ތިބި ކުދިންތަކެއް އެހެން ކުދިންނާ އެއްކޮށް ސުކޫލަށް ގެނައުމަކީ ވަރަށް ރިސްކީ ކަމެއް. އަޅުގަނޑުމެން އޯލެވެލް އާއި އޭލެވެލް އެގްޒާމްގައި އެއީ ބޭރުގެ އިމްތިހާނުތަކަކަށް ވެފައި އަދި ކުދިން ފިއުޗާއަށް ވަރަށް މުހިންމު އިމްތިހާނުތަކެއް ކަމުގައިވާތީވެ އެ ކުދިންނަށް އަޅުގަނޑުމެން ސްޕެޝަލް އެރޭޖްމަންޓެއް ހަދައިދިނީ އެވެސް ސެންޓަރީ އަޅުގަނޑުމެން އެކަން އޯގަނައިޒުކޮށްގެން ވަކި ހޯލަކަށް ގެންގޮސްގެން އެ ކުދިންނަށް އިމްތިހާނުތައް ދެމުން ގެންދިޔައީ. އެކަމަކު އަޅުގަނޑުމެން ސުކޫލުތަކުގެ އެގްޒާމްތައް މިހެން ގެންދާއިރުގައި އެހާ ރިސްކީ ކަމެއް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެ ޗާންސް ނަގާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިމްތިހާނުގައި ބައިވެރިނުވެވުނު ނަމަވެސް އެއީ ދަރިވަރުން ދެރަވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެސެސްމަންޓް ޕޮލިސީއާ އެއްގޮތަށް އެ ކުދިންގެ ފެންވަރު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގެ އިންތިޒާމުތައް ހުރީ ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!