ފިނޮޅު ހަލާކުކުރި މައްސަލާގައި ފަސްލައްކަ ރުފިޔާގެ ޖޫރިމަނާއެއް

ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި އެތަން ނައްތާލަން މަސައްކަތް ކުރުމުން ގިލި ލަންކަން ފުށި ރިސޯޓް ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔާމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖަނަވަރީ 21، 2021 ގައި ކ. ހިންމަފުއްޓާއި ގިލި ކަންކަންފުށި މޯލްޑިވްސް ރިސޯޓާ ދެމެދު އޮންނަ ފިނޮޅަށް އެ ރިސޯޓްގެ މުވައްޒިފުންތަކެއް އަރައި އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ ފިނޮޅުގެ ވެލިގަނޑު ގިރައިގެންދާނެ ގޮތަށް ކޯރު ކަނޑާފައިވާ ކަމަށެވެ. ފިނޮޅުގެ ތިން ސަރަހައްދަކުން ކޯރު ކަނޑާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ އަދަދު ކަމަށްވާ 5،62،980 ރުފިޔާ 30 ދުވަސްތެރޭ އީޕީއޭއަށް ދައްކަން އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެންގުން މި މަހުގެ 27 ވަނަ ދުވަހު އެ ރިސޯޓަށް އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ހިންމަފުށްޓާ ގިލިލަންކަންފުށްޓާ ދޭތެރޭގައި އޮންނަ ފިނޮޅު ހަލާކުރަނިކޮށް އެކަން ހުއްޓުވައި ފުލުހުންނަށް އެންގީ ހިންމަފުށީގެ ރައްޔިތުން ތަކެކެވެ. އެ ފިނޮޅަކީ ހިންމަފުށީ މީހުން ދަތުރުގޮސް އުޅޭ ފިނޮޅެކެވެ. ފިނޮޅަށް ގެއްލުން ދިނުމުގައި ގިލިލަަންކަންފުށީގެ އޭރުގެ ޖެނެރަލް މެނޭޖަރު ވެސް ބައިވެރިވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!