އެސްޕީޖީގެ ކޮމާންޑަރަށް ބަދަލުތަކެއް ގެންނަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ: މަބްރޫކް

ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އަށް ބަދަލުތައް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށް، އެ މަނިިކުފާނުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު އެސްޕީޖީގެ ކޮމާންޑަރުންނަށް މި ފަހުން ބަދަލުތަކެއް ގެނެސްފައި ވެ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް އިއްޔެ ވިދާޅުވީ އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް އަބްދުލްމުއިއްޒު މުސްތަފާ އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު އައްޔަންކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ތަރުޖަމާނު މަބްރޫކް ވިދާޅުވީ ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އެސްޕީޖީ އަށް ބަދަލުތައް ގެންނަންޖެހޭ ދެކިވަޑައިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް އަންގަވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ރައީސުލުޖުމްހޫރިއްޔާ މިގޮތަށް އަންގަވާފައިވަނިކޮށް އެސްޕީޖީއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ސިފައިންގެ އެސްޕީޖީއަށް ގެންނަވާފައިވާ ބަދަލުތަކުގެ ތެރޭގައި، އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކުރައްވާފައިވަނީ ލެފްޓިނެންޓް ކާނަލް މުއިއްޒު މުސްތަފާއެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކުރައްވާފައިވަނީ މޭޖަރ މޫސާ ރަމީޒު އެވެ. މީގެ އިތުރުން އެސްޕީޖީގެ ފަސްޓް ސާޖަންޓުގެ ގޮތުގައި އަބްދުﷲ ޖަމީލް ވަނީ ހަމަޖައްސަވާފައެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރުން ބަދަލު ކުރައްވާފައިވާއިރު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!