ކުޅުދުއްފުށީގައި މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފި

ހދ. ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ވިދާޅުވީ ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވާ ކަމަށް ރޭ 20:48 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ޒުވާނާ ރޭ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ކޭއާރުއެޗްއިން ވިދާޅުވީ، އެ ޒުވާނާ އެ ހޮސްޕިޓަލަށް ގެނެގޮސްފައިވަނީ ރޭ 09:50 ހާއިރު ކަމަށެވެ. އަދި އެ ޒުވާނާގެ ބޮލުގެ ކަނާތްފަރާތުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެ މާރާމާރީގައި އެ ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވުމުން، އިތުރުފަރުވާއަށް އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަށްވަމުންނެވެ. މިގޮތުން މިއަދު 13:30ގައި ހަނިމާދޫން ފުރާ ފްލައިޓުން އެ ޒުވާނާ މާލެ ފޮނުވާލަން ވަނީ ހަމަޖެހިފަކަމަށް ކޭއާރުއެޗްއިން ވިދާޅުވެއެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!