ރައީސް ޔާމީނުގެ ޝަރީއަތް ފަސްކޮށްދޭން ވަކީލުން އެދިއްޖެ

ކޮވިޑް 19ގެ ހާލަތު ނިމި އާންމު ހާލަތަކަށް ދަންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަސްކޮށްދޭން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އެދިވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުގައި ތާވަލްކޮށް މާދަމާ ހެނދުނު 9:30 ގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތެވެ. ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ރައީސް ޔާމީން ކޯޓަށް ހާޒިރު ކޮށްގެނެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އަޑުއެހުންތަކަކީ ދުރާލައި ތާވަލުކޮށްގެން ކުރިއަށްގެންދާ އަޑުއެހުންތަކެއް ނަމަވެސް މި ދުވަސްވަރަކީ ކޮވިޑުގެ ހާލަތު ގޯސް ދުވަސްވަރަކަށް ވުމުން މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެމަނިކުފާނު ސިއްހީ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ކޯޓަށް ހާޒިރުކުރުމަކީ ގާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

އެހެންކަމުން މި ހާލަތަށް ރިއާޔަތްކޮށް މާދަމާގެ އަޑުއެހުން ފަސްކޮށްދިނުމަށާއި ކޮވިޑް 19ގެ ބަލިމަޑުކަން ހަމައަކަށް އެޅި، އާންމު ހާލަތަކަށް ދަންދެން މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވާ ކަމަށް ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!