އަނުޝްކާ އާއި ވިރާޓްގެ ދަރިފުޅު މީން ދުވަހަކުވެސް ފެންނާނެހެން ހީނުވޭ!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ އަލަތު ދަރިފުޅު ދެކިލާހިތުން ފޭނުން ތިއްބަސް، އެކުއްޖާގެ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާނުކުރާނެ ކަމަށް ވިރާޓް ބުނެފިއެވެ.

އަނުޝްކާ އަށާއި ވިރާޓަށް އަންހެން ކުއްޖަކު ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ. އެކުއްޖާއަށް އެދެމަފިރިން ދީފައިވާ ނަމަކީ ވަމިކާ އެވެ. އެކަމަކު އަދިއަދަށްވެސް ވަމިކާގެ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާކޮށްފައެއް ނުވެއެވެ.

ވިރާޓް ދާދިފަހުން އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބުގެ ސެޝަންގައި ފޭނަކު ކުރި ސުވާލަކީ، ‘ވަމިކާ’ ގެ ނަމުގެ މާނައަކީ ކޮބައިތޯ އާއި އޭނާގެ ފޮޓޯއެއް ފެނިދާނެތޯ އެވެ. މި ސުވާލުތަކަށް ޖަވާބުދެމުން ވިރާޓް ބުނީ ވަމިކާ އަކީ ހިންދޫ މީހުން އަޅުކަންކުރާ ބުދަކަށް ކިޔާ ނަމެއް ކަމަށެވެ. އަދި ވަމިކާގެ މޫނު ފެންނަގޮތަށް އެއްވެސް ފޮޓޯއެއް މީސްމީޑިއާގައި ހިއްސާނުކުރަން އެދެމަފިރިން އެކުގައި ވަނީ ނިންމާފައި ކަމަށް އޭނާ ބުންޏެވެ.

“ވަމިކާގެ ފޮޓޯ މީސްމީޑިއާގައި ހިއްސާކުރާނީ މިސްމީޑިއާއަކީ ކޯއްޗެއްކަން އޭނާއަށް ވިސްނޭ ވަރަށް ބޮޑުވެ، އޭނާގެ ހުއްދަ ލިބިގެން” ވިރާޓް ބުނެފައިވެއެވެ.

އެހެންކަމުން ކައިރި މުސްތަޤުބަލެއްގައި އަނުޝްކާ އާއި ވިރާޓްގެ ދަރިފުޅު އާންމުންނަށް ފެނިދާނެ ކަމަކަށް ނުބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!