އަންނަ މަހުން ފެށިގެން ސުޕާރީ ޕެކެޓް އެތެރެކުރުން މަނާ

އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އަންނަ މަހުގެ އެކަކުން ފެށިގެން 9 ބާވަތެއްގެ ޕްލާސްޓިން ރާއްޖެ އެތެރެކުރުން މަނާވާނެއެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރުކުރުން މަނާކުރާނެ 12 ބާވަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 30 ގައެވެ.

ކަސްޓަމްސްގެ އިދާރާ އިން މިރޭ ބުނީ، އަންނަ އަންގާރަ ދުވަހުން ފެށިގެން މަނާކުރާ ބާވަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ސުޕާރީ ޕެކެޓު ވެސް ހިމެނޭ ކަމަށެވެ.

އަންގާރަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ވާނެ ބާވަތްތަކުގެ ތެރޭގައި އިމްޕޯޓް ކުރާ ސްޕާރީ ޕެކެޓްގެ އިތުރުން ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮއްޓާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު ވެސް ހިމެނެއެވެ.

އޭގެ އިތުރުން 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތައްޓާއި ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރާއި ރާއްޖ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި ވެސް ހިމެނެއެވެ. އޭގެތެރޭގައި ފެނާއި ލުއިބުއިން ވެސް ހިމެނެއެވެ.

ދެން މަނާ ވާނީ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅިއެވެ.

 ބާކީ ތިން ބާވަތުގެ ތެރެއިން ދެ ބާވަތެއް މަނާ ވާނީ ޑިސެމްބަރު 1، 2022 ގަ އެވެ. ޑިސެމްބަރު 1، 2023 ގައި ވެސް އިތުރު ބާވަތެއް މަނާކުރަން އޮތީ ނިންމައިފައެވެ.

އަންނަ އަހަރުގެ ޑިސެމްބަރ 01 ވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި، 50 މިލިމީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނިފުޅިއާއި 1 ލިޓަރާއި ލިޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާ ވާނެއެވެ.

އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރިއިރު، ސަރުކާރުން އަންނަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރު ސަރުކާރުގެ ބައެއް އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުން ވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!