ޝިލްޕާ އާއި ސުނިލް ޝެޓީ، 20 އަހަރު ފަހުން ދަޅްކަން ގެ މަންޒަރަކުން

2000 ވަނަ އަހަރު ނުކުތް ބޮލީވުޑް ފިލްމު “ދަޅްކަން” އަކީ އެތައް ބައެއްގެ ހިތާ ކުޅެލި ފިލްމެކެވެ. އޭގެ އެއް ހެއްކަކަކީ، “ހިތް އެދެނީ” ގެ ނަމުގައި އޭގެ ދިވެހި ފިލްމެއް ވެސް ކުޅެފައިވާ ކަމެވެ.

“ދަޅްކަން” ނުކުތްތާ 20 އަހަރު ވެފައިވާއިރު، އަދިވެސް އެ ފިލްމު މަތިން އެކަކުވެސް ހަނދާން ނެތުނެހެނެއް ހިއެއް ނުވެއެވެ. އެ ފިލްމުގެ ލަވަ “ދިލް ނޭ ޔޭ ކަހާ ހެ ދިލް ސޭ” އަކީ މިއަދާ ހަމައަށްވެސް ގިނަބައެއްގެ ފެވަރިޓެކެވެ. އެ ފިލްމަށް ލޯބިކުރާ މީހުންނަށް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ. ފިލްމުގެ ލީޑު ދެ ތަރިން ކަމަށްވާ ޝިލްޕާ ޝެޓީ އާއި ސުނިލް ޝެޓީ މިވަނީ “ދަޅްކަން” ގެ މަންޒަރަކަށް އަލުން އެކްޓުކޮށްފައެވެ.

ސޮނީ ޓީވީން ގެނެސްދޭ “ސުޕާ ޑާންސާ 4” ގައި ޙާއްސަ މެހުމާނުން ގޮތުގައި ބައިވެރިވަމުން ސުނިލް އާއި ޝިލްޕާ ވަނީ ސްޓޭޖު މަތީގައި އެ ފިލްމުގެ ޑައިލޮގުތައް ބޭނުންކޮށްގެން އެކްޓުކޮށްފައެވެ. އެ އެޕިސޯޑުގެ ޕްރޮމޯއެއް ސޮނީ ޓީވީން މީސްމީޑިއާގައި ހިއްސާކުރުމާއެކު، ގިނަ އިރުތަކެއް ނުވަނީސް ވަނީ ވައިރަލް ވެގެން ގޮސްފައެވެ.އެ ވީޑިއޯއިން ފެނިގެންދަނީ ސުނިލް އާއި ޝިލްޕާ، “ދަޅްކަން” ގެ އެންމެ އައިކޮނިކް އެއް މަންޒަރު އަލުން ކުޅޭ ތަނެވެ. ހަމައެހެންމެ، “ދިލް ނޭ ޔޭ ކަހާ ހެ ދިލް ސޭ” އަށް ވެސް އެކްޓުކޮށްފައިވެއެވެ.

ވީޑިއޯ ބެލި ގިނަ މީހުން ބުނަނީ، އެދެމީހުންގެ އެކްޓިންގ މިއަދުވެސް ހުރީ ހަމަ މީގެ 20 އަހަރު ކުރިން ހުރި ގޮތަށް، އެއްވެސް ބަދަލެއް ނައިސް ކަމަށެވެ. އަދި “ދަޅްކަން” ގެ އެ މަންޒަރާ އެއްވެސް ތަފާތެއް ނެތް ކަމަށް ބުނެފައިވެއެވެ.

“ދަޅްކަން” އަކީ ޝިލްޕާ އާއި ސުނިލްގެ ފިލްމީ ކެރިއަރުން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމުވެސް މެއެވެ. ފަހަކަށް އައިސް ސުނިލް ފެންނަނީ ފިލްމީ ދާއިރާއާ ފުދޭވަރަކަށް ދުރުގައި އުޅޭ ތަނެވެ. އަދި ޝިލްޕާވެސް އެކްޓުކުރުމުގެ ބަދަލުގައި މިހާރު ގިނައިން ފެންނަނީ ރިއަލިޓީ ޝޯތަކުގެ ފަނޑިޔާރެއްގެ ގޮތުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!