އެކްޓުކުރުމުގެ ހިޔާލެއް ނާދޭ: ރަންބީރްގެ ދައްތަ

އާއިލާގެ އެހެން މެންބަރުންނާ ޚިލާފަށް އެކްޓިންގ އަށް އެއްވެސް ޝައުގުވެރިކަމެއް ނުހުންނަ ކަމަށް ރިދިމާ ކަޕޫރު ސަހާނީ ބުނެފިއެވެ.

ރިދިމާއަކީ ކުރީގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ރިޝީ ކަޕޫރާއި ނީތޫ ސިންގްގެ ދޮށީ ދަރިފުޅެވެ. އަދި މިހާރުގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރަކީ ރިދިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އެމީހުންނާ ޚިލާފަށް ރިދިމާ ޚިޔާރުކުރި ކެރިއަރަކީ ފެޝަން ޑިޒައިނަރު ކަމެވެ.

ދާދިފަހުން ‘ޓައިމްސް އޮފް އިންޑިއާ’ އަށް ދިން އިންޓަވިއުއެއްގައި ރިދިމާ ވަނީ އެކަމާ ބެހޭގޮތުން ވާހަކަދައްކައިފައެވެ. ފިލްމަކުން ދުވަހަކުވެސް ފެނިދާނެތޯ ސުވާލުކުރުމުން އޭނާ ބުނީ އެއީ ދުވަހަކުވެސް ނުވާނެ ކަމެއް ކަމަށެވެ. އަދި އޭނާ އެކްޓު ކުރާނީ ވެސް ކިހިނެއްތޯ އަހާފައިވެއެވެ.

“އަހަރެން ލަންޑަންގަ ކިޔަވަން ހުރި ދުވަސްވަރު ވަރަށް ގިނަ ފުރުސަތުތައް ލިބުން އެކްޓުކުރުމަށް. އެކަމަކު ދުވަހަކުވެސް އެކަން ކުރާކަށް ހިޔާލަކަށް ނާދޭ. އެންމެކުޑަމިނުން އާއިލާ މީހުންނާ މަޝްވަރާކޮށްފައެއް ވެސް ނޯންނާނެ އެ ދާއިރާއިން ކުރިއަށް ދާކަށް”، ރިދިމާ ކިޔައިދިނެވެ.

އޭނާ ބުނީ ލަންޑަނުން އައި ގޮތަށް އޭނާ ކައިވެނިކުރީ ކަމަށެވެ. އެކަމަކު ކިޔަވަންހުރި ދުވަސްވަރު މަންމަ (ނީތޫ) ވެސް ވަރަށް ގިނައިން ފިލްމު އޮފާތަށް އަންނަ ވާހަކަ ބުނާ ކަމަށް ބުންޏެވެ. “ދެން އަހަރެން އޭރު ހިތަށް އަރަނީ ކިހިނެއްބާއޭ ހަދާނީ އެ އޮފާތަކަށް. އޭރު އަހަންނަށް ވާނީ އެންމެ 16-17 އަހަރު ވިއްޔަ”.

ރިދިމާ، 40، ވިޔަފާރިވެރިޔާ ބާރަތު ސަހާނީ އާ ކައިވެނިކުރީ 2006 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!