އެކްސިންޑެންޓަށްފަހު ފިލި މީހާ ފުލުހުންނަށް ދެނެގަނެވިއްޖެ

މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ގަލޮޅު ހުވަފެނީ ގޯޅީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، ސައިކަލު ދުއްވަން އިން މީހާއާ ގުޅޭ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ގަލޮޅު ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި އެމަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ. މިއެކްސިޑެންޓްގައި ސައިކަލުގެ ފަހަތުގައި އިން މީހާގެ ކަރަށް ގާޑިޔަލުގެ މުއްގަނޑު ވަދެ، ލިބުނު އަނިޔާތަކުގެ ސަބަބުން ވަނީ މަރުވެފައެވެ. މަރުވީ ލިބުނު ގެއްލުންތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ނަމަވެސް އެކްސިޑެންޓްވުމާއެކު ސައިކަލު ދުއްވަން އިން މީހާވަނީ ފިލައިފައެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓާ ގުޅޭ ތަޙުޤީގު މިހާރު ކުރިއަށްދާއިރު، އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިން މީހާ ދެނެގަނެވި އޭނާއާ ގުޅޭ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ނަމަވެސް މި މީހާ ހޯދާ ހައްޔަރުކޮށްފައިވާކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ބުރާސްފަތިދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!