މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް ބޮޑު ކެމްޕެއިނެއް

މެދުއިރުމަތީގެ ޤައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން މިކެމްޕެއިންގެ ދަށުން ވީގޯ، ސްކައި ނިއުސް އަރަބިޔާ އަދި އަލް ރައިސްއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައިވާކަމަށެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ އަންނަމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މަޝްހޫރު ޓްރެވެލް މާކެޓްޕްލޭސް ވީގޯއާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވީގޯ އަކީ މެދުއިރުމަތި، ނޯތު އެފްރިކާ، އިންޑިޔާ އަދި ސައުތު އީސްޓް އޭޝިއާގެ އެންމެ ބޮޑު އެއް ޓްރެވެލް މާކެޓްޕްލޭސްއެވެ. 100އަށް ވުރެ ގިނަ އެއާރލައިން، ހޮޓެލް އަދި ޓްރެވެލް އޭޖެންސީތައް ހިމެނޭ ޑޭޓާބޭސްއަކުން ޑީލް އަދި އޮފާރތައްއަޅައި ބެލުމުގެ ފުރުސަތު މި ޕްލެޓްފޯމްއިން ލިބެއެވެ.

މި ކެމްޕެއިންގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ވީގޯގެ ވެބްސައިޓާއި ފޯން އެޕްލިކޭޝަންގައި އިޝްތިހާރުކުރާނެއެވެ. އެގޮތުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން ހާމަކޮށްދީ އާޓިކަލްއަކާއި ޕުޝް ނޮޓިފިކޭޝަން އަދި ސޯޝަލް މީޑިއާ ޕޯސްޓައް ޕަބްލިޝް ކުރެވިގެންދާނެއެވެ.

މި ކެމްޕެއިންގެ ސަބަބުން 1.5 މިލިއަން އޮންލައިން އިމްޕްރެޝަން ޙާސިލްކުރެވޭނެކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ. އަދި މިއާއެކު ރާއްޖެއަށް ބުކިންގް އިތުރުކުރުމަށް މި ކެމްޕެއިނުން އަމާޒުކުރެއެވެ. މީގެ އިތުރުން މިދިޔަ އޭޕްރިލް މަހުން ފެށިގެން ސްކައި ނިއުސް އަރަބިއާއާއި ގުޅިގެން މާކެޓިން ކެމްޕެއިނެއްވެސް ވަނީ ފަށާފައެވެ. 35 މިލިއަންއަށް ވުރެ ގިނަ މީހުންނަށް ފޯރާ ސްކައި ނިއުސް އަރަބިއާއަކީ އަރަބިންގެ ތެރޭގައި އެންމެ މަގްބޫލްއެއް ޓީވީ ޗެނަލެވެ.

މި ކެމްޕެއިނުގެ ދަށުން ސްކައި ނިއުސްގައި ރާއްޖެއަށް ޙާއްސަކޮށް މައުލޫމާތު ހިއްސާކުރުމުގެ ސެގްމެންޓެއް ހަދާނެއެވެ. މީގެއިތުރުން ރޭޑިއޯ ޝޯތަކުގައި އެންމެ ގިނައިން މީހުން އަޑުއަހާ ވަގުތުތަކުގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ އިޝްތިހާރުތައް ސްކައި ނިއުސް ވެބްސައިޓްގައި ހިމަނާނެކަމަށްވެސް ވަނީ ހަމަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!