ކޮވިޑްގެ ކަންކަން ބެލެހެއްޓުމަށް ކޮންމެ އަތޮޅަކަށް މަންދޫބެއް ކަނޑައަޅައިފި

ކޯވިޑް19އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާކުރުމަށާއި، ކޯޑިނޭޝަން އިތުރަށް ރަނގަޅުކުރުމަށްޓަކައި ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އިސް ފަރާތެއް ކަނޑައަޅުއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހަމަޖައްސަވައިފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ކޮންމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް ކަނޑައަޅުއްވާއިރު، އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށް ކަނޑައަޅުއްވާނެކަމަށެވެ. އަދި މިބޭފުޅުން މަސައްކަތްކުރައްވާނީ ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން އެއަތޮޅެއްގައި ކޯވިޑް19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި ދަތިތައް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް އަދި ކަމާއި ގުޅުުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވާ އަދި އެކަން ހިންގާ ނުހިނގާ ގޮތް މޮނިޓަރކުރެއްވުމަށްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ނުރައްކާތެރި ހިސާބަކަށް ދިއުމާއި ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި ފިޔަވަޅުތައް ސަލާމަތީ ހިދުމަތްތަކުން ދަނީ ތަންފީޒުކުރަމުންނެވެ.

ކޯވިޑްގެ ހާލަތުން އަރައިގަތުމަށްކުރާ މަސައްކަތަށް ޚާއްސަ މިނިސްޓްރީއަލް ކޮމިޓީއެއް ހަރަކާތްތެރިވާއިރު، އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. އަދި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!