ޕްރިޔަންކާއާއި ދިޕިކާ އަޅާކިޔުމުން ޕްރިޔަންކާގެ މަންމަ ރުޅިއަތުވެއްޖެ

އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އާއި ދިޕިކާ ޕަޑުކޯން އެއްކަހަލަ ހެދުމެއް ލައިގެން ހުރި ފޮޓޯއެއް އާންމުކޮށް، އެދެމީހުންގެ ތެރެއިން އެ ހެދުން އެންމެ ގުޅެނީ ކާކަށްތޯ މީޑިއާއަކުން ސުވާލުކުރުމުން ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ އެކަމާ ހިތްހަމަނުޖެހިއްޖެއެވެ.

‘ޒޫމްޓީވީ’ ހިއްސާކުރި ދެ ފޮޓޯއަކީ، ޕްރިޔަންކާ ދާދިފަހުން ވޯގް މެގަޒިން އަށް މޮޑެލްކުރި ފޮޓޯޝޫޓާއި، ދިޕިކާ ތަންކޮޅެއް ކުރިން މޮޑެލްކުރި ފޮޓޯޝޫޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެެކެވެ. އޭގައި ބޮލީވުޑަށް ނިސްބަތްވާ ދެތަރިންވެސް ތިބީ ކަޅުކުލައިގެ ކޮނޑުކެނޑި ހެދުމެއް ލައިގެންނެވެ. އެއާއެކު، ޕްރިޔަންކާގެ އެ ޝޫޓު ފެނިފައި އެންމެ ފުރަތަމަވެސް ހަނދާންވީ ދިޕިކާ މަތިން ކަމަށް ‘ޒޫމްޓީވީ’ އިން ވަނީ ލިޔެފައެވެ.

އެކަމަކު ޕްރިޔަންކާގެ މަންމަ ވަނީ އެކަމާ ނުރުހުންވެގެން ޓްވީޓެއް ކޮށްފައެވެ. މަދޫ ޗޯޕްރާ ކުރި ޓްވީޓުގައި ބުނީ، އެދެމީހުން ލައިގެން އެހުރީ އެއް ހެދުމެކޭ ބުނާނީ ލޯ އަނދިރި މީހެއް ކަމަށެވެ. “އެހެންނޫނަސް ކަޅު ކުލައިގެ އަގުބޮޑު ބްރޭންޑެޑް ހެދުން އަބަދުވެސް އެންމެ ގުޅޭނީ ޕްރި (ޕްރިޔަންކާ) އާ” މަދޫ ލިޔެފައިވެއެވެ.

މަދޫގެ މި ޓްވީޓެއް ގިނަ ބަޔަކު އަންނަނީ ޓްވިޓާގައި މަލާމާތްކޮށް ފާޑުކިޔަމުންނެވެ. އެގޮތުން އެކަހަލަ ކަމެއްގެ ތެރެއަށް މަންމައިން ވަންނަން ނުޖެހޭނެ ކަމަށް އެކަކު ލިޔެފައިވެއެވެ. އަނެއްކޮޅުން ޕްރިޔަންކާގެ ފޭނުން ވަނީ މަދޫގެ އެ ޓްވީޓަށް ތާއީދުކޮށްފައެވެ.

ޕްރިޔަންކާ އާއި ދިޕިކާ އެކީގައި މީގެކުރިން ވަނީ ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމު “ބާޖީރާއޯ މަސްތާނީ” ގައި މަސައްކަތްކޮށްފައެވެ. މިހާރު ޕްރިޔަންކާ އުޅެނީ ހޮލީވުޑް ޕްރޮޖެކްޓުތަކުގައި ވަރަށް ބުރަކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!