ސުޝާންތުގެ އެކުވެރި ސިދާތު ހައްޔަރުކޮށްފި

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރަށް އެއްއަހަރު ވާން ކައިރިވެފައި ވަނިކޮށް، އެކަމާ ގުޅުންހުރި މައްސަލައެއްގައި އޭނާގެ އެކުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސުޝާންތާއެކީ އެއް ފްލެޓެއްގައި ދިރިއުޅެމުންދިޔަ ސިދާތު ޕިޓާނީ ހައްޔަރުކޮށްފައިވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިންނެވެ. މިދިޔަ އަހަރު މުމްބާއީ ފުލުހުން ސުޝާންތުގެ މަރު ތަހުޤީޤުކުރަމުން ދަނިކޮށް، އޭނާއާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއާއެކު، އެންސީބީ އިން އެ މައްސަލަ ބަލަމުން ދަނިކޮށް، މަސްތުވާތަކެތި ގަނެ، އޭގެ ބޭނުންކުރިކަމަށް ސުޝާންތުގެ ގާތް ފަރާތްތަކެއްގެ ނަންތައް ވަނީ ހާމަވެފައެވެ. އޭގެތެރޭގައި އޭނާގެ ލޯބިވެރިޔާ އެކްޓްރެސް ރިއާ ޗަކްރަބަތީ ވެސް ހިމެނެއެވެ. އެންސީބީ އިން ވަނީ މިދިޔަ އަހަރު ރިއާ އާއި ރިއާގެ ކޮއްކޮ ހައްޔަރުކޮށްފައެވެ. އެކަމަކު ޖަލުގައި ދެތިން މަސް ހޭދަކުރުމަށްފަހު ރިއާ ވަނީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ. އަދި ރިއާގެ ކޮއްކޮގެ ވެސް މިހާރު ހުރީ މިނިވަންވެފައެވެ.

އެ މައްސަލައާ ގުޅިގެން ސުޝާންތުގެ ފްލެޓްމޭޓް ސިދާތު ހައްޔަރުކޮށްފައިވަނީ މިއަދު ހައިދަރްއާބާދުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިދިޔަ ޖޫން 14 ވަނަ ދުވަހު ސުޝާންތު ދަންޖެހިގެން މަރުވުމާ ގުޅިގެން، އޭރުވެސް ފުލުހުން ވަނީ އެތައް ފަހަރެއްގެ މަތިން ސިދާތު ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ސުޝާންތު ދަންޖެހި މަރުވެފައި ހުއްޓައި އެންމެފުރަތަމަ އެ މަންޒަރު ފެނުނު އެކަކަކީ ވެސް ސިދާތު ޕިޓާނީއެވެ.

އެހެންނަމަވެސް، ސުޝާންތު މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމެއް ނުވަތަ އޭނާ މަރައިލެވުނީ ކަމެއް މިހާތަނަށް ތަހުޤީޤު ޓީމުން ރަސްމީކޮށް ނިންމާފައެއް ނުވެއެވެ. ސުޝާންތުގެ އާއިލާއިން ދެކޭގޮތުގައި ސުޝާންތު ވަނީ ބައެއްގެ ރޭވުމުގެ ދަށުން މަރައިލެވިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!