ބޮލީވުޑަށް ނުކުތުމުގެ ކުރިން މި ތަރިންގެ ވަޒީފާއަކީ ކޮބާ؟

އަކްޝޭ ކުމާރު، ރަންވީރް ސިންގް، ޝާހިދު ކަޕޫރު މިއީ ހައްތާ ވެސް ބޮލީވުޑުން ފާހަގަކޮށްލެވޭ ހުނަރުވެރި އެކްޓަރުންގެ ނަންތަކެވެ. މި މީހުންގެ ފިލްމީ ކެރިއަރު ފެށުނީއްސުރެ އަންނަނީ ބެލުންތެރިން ހިތްހަމަޖެހޭ ފަދަ އެކްޓިންގ އެއް ދައްކަމުންނެވެ. ފަހަރުގައި މި އެންމެންނަކީ އުފެދުމުގައި ވެސް އެ ހުނަރު ހުރި މީހުން ކަމަށް ވެދާނެއެވެ. އެކަމަކު ހަމަގައިމުވެސް، ކުޑައިރުންސުރެ ކުރަމުން އައި މަސައްކަތަކީ ފިލްމު ކުޅުމެއް ނޫނެވެ.

މިފަހަރު މި ގެނެސްދެނީ، ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން، އެ ދާއިރާއަށް ނުކުތުމުގެ ކުރިން އަދާކުރަމުންދިޔަ ވަޒީފާތަކެވެ.

1. ނަވާޒުއްދީން ސިއްދީޤު

މިއީ މިހާރު ތިބި އެކްޓަރުންގެ ތެރެއިން ކުޅަދާނަ އެކަކެވެ. ބައިނަލްއަޤުވާމީ ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ 47 އަަހަރުގެ ނަވާޒަކީ މީގެކުރިން ބޭސް ފިހާރައެއްގައި ކެމިސްޓެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އަދި އޭގެފަހުން ވޮޗަރެއްގެ ވަޒީފާވެސް އަދާކޮށްފައިވެއެވެ. އެންމެފަހުން އެކްޓިންގ އަށް ތަޢާރަފުވީ އެކަމާ ބެހޭ ޔުނިވާސިޓީއަކުން އެކަމުގެ ހުނަރު ހޯދުމަށްފަހުގައެވެ. ކެރިއަރުގެ ފުރަތަމަކޮޅު ކުދިކުދި ރޯލުތައް ކުޅެމުން، މިހާރު އޭނާ އަންނަނީ ތަފާތު ރޯލުތަކުން އޭނާގެ ހުނަރު ދައްކަމުންނެވެ.

2. ރަންވީރު ސިންގް

“ބާޖީރާއޯ މަސްތާނީ” އަދި “ރާމްލީލާ” ފަދަ މަޤުބޫލު ފިލްމުތަކެއް ކުޅެފައިވާ ރަންވީރު ސިންގް މީގެކުރިން އަދާކުރަމުންދިޔަ ވަޒީފާއަކީ، އިޝްތިހާރު ތައްޔާރުކުރާ ކުންފުންޏެއްގެ ކޮޕީރައިޓަރެއްގެ ވަޒީފާއެވެ.

3. ޕަރިނީތީ ޗޯޕްރާ

އެކްޓު ކުރުމުގެ ކުރިން ޕަރިނީތީ ވަނީ ޕްރޮޑަކްޝަން ހައުސް އެއްގައި މާކެޓިންގ އިންޓާނެއްގެ މަސްއޫލިއްޔަތު އަދާކޮށްފައެވެ. އެންމެފަހުން “އިޝަގްޒާދޭ” ފިލްމާއެކު ބޮލީވުޑަށް ތަޢާރަފްވީ ވެސް ހަމަ އެ ޕްރޮޑަކްޝަން ހައުސްގެ ދަށުންނެވެ.

4. ޝާހިދު ކަޕޫރު

ގިނަ އަންހެންކުދިންތަކެއްގެ ހިތުން ޖާގަ ހޯދާފައިވާ ޝާހިދު، އެކްޓިންގ އަށް ނުކުތުމުގެ ކުރިން ފެނުނީ ފަހަތުގައި ނަށާ ނެށުންތެރިއެއްގެ ގޮތުގައެވެ. “ތާލް” އާއި “ދިލް ތޯ ޕާގަލް ހޭ” ފަދަ ފިލްމުތަކުގެ ލަވަތަކުގައި ޝާހިދު ވަނީ ބެކްގްރައުންޑް ޑާންސާއެއްގެ މަޤާމު ފުރައިފައެވެ.

5. ސިދާތު މަލޯތުރާ

ސިދާތުގެ ފުރަތަމަ ވަޒީފާއަކީ މޮޑެލް ކުރުމެވެ. އެކަމުން ފައިސާ ހޯދުމަށްފަހު ދެން އަދާކުރި ވަޒީފާއަކީ އެސިސްޓެންޓް ފިލްމު ޑައިރެކްޓަރެއްގެ މަޤާމެވެ. އެގޮތުން “މައި ނޭމް އިޒް ޚާން” ގައި ކަރަން ޖޯހަރްގެ ދަށުން އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އެއަށްފަހު، 2012 ގައި ހަމަ ކަރަން ޖޯހަރްގެ ފިލްމަކުން އޭނާ ވަނީ ކެމެރާގެ ކުރިމައްޗަށް ނުކުމެފައެވެ.

6. ސޮނާކްޝީ ސިންހާ

“ދަބަންގް” ގެ ބަތަލާ ސޮނާކްޝީ ވަނީ އެކްޓިންގ އަށް ނުކުތުމުގެ ކުރިން ބައެއް ފިލްމުތަކަށް ކޮސްޓިއުމް ތައްޔާރުކޮށްދީފައެވެ. އެގޮތުން “މޭރާ ދިލް ލޭކޭ ދޭކޯ” ފަދަ ފިލްމުތަކުގައި ފެޝަން ޑިޒައިނަރަކީ ސޮނާކްޝީއެވެ.

7. އަކްޝޭ ކުމާރު

ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި އަކްޝޭ ހިމެނޭނެއެވެ. އެކަމަކު ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އޭނާ ވަނީ ބެންކޮކްގެ ރެސްޓޯރެންޓެއްގައި ކައްކާއެއް އަދި ވެއިޓަރެއްގެ ވަޒީފާ އަދާކޮށްފައެވެ. އޭގެފަހުން ޓްރެވަލް އެޖެންޓެއްގެ ވަޒީފާއާއި، މާޝަލް އާޓްސް ޓީޗަރެއްގެ ވަޒީފާވެސް އަކްޝޭ ވަނީ އަދާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!