ހުޅުމާލެ ފެސިލިޓީގެ އިންތިޒާމުތައް ރަނގަޅު، އެކަމަކު ފަރުވާދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި: އެޗްއާރްސީއެމް

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރާ މީހުންނަށް ފަރުވާދިނުމާއި އެހެނިހެން ބައެއް ކަންކަމުގައި ރާވާފައިވާ އިންތިޒާމުތައް ރަނގަޅުކަމަށާއި، ނަމަވެސް ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ޢަދަދަށާއި، ބަލިމީހުންގެ ސިއްޙީ ޙާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ޒިޔާރަތްކުރުމަށްފަހު އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާއިރު ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެޑްމިޓްކުރާ މީހުންނަށް އާއިލާތަކުން ފޮނުވާ ކާތަކެތި ހަވާލުވުމަށްފަހު އެތަކެތި އެކަމަށް ހާއްސަ ވޯޑްތަކަށް ގެންދެވޭކަމަށާއި އެހެންނަމަވެސް ނަރުހުންނާއި އެޓެންޑެންޓުން މަދުވުމުން އެމީހުންގެ މަސައްކަތްތައް ހުންނަގޮތުން ބަލިމީހާއަށް މިތަކެތި ލިބުމުގައި ލަސްތަކެއް ދިމާވާކަމަށެވެ. ފެސިލިޓީގައި ފަރުވާ ހޯދާ މީހުންނަށް ކޮންމެ ގަޑިއަކަށް ބޭނުންވާ ކެއުން އޯޑަރުކުރާނީ ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށްފަހު ޑައެޓީޝަނުންގެ ލަފާގެ މަތިންކަން އެޗްއާރުސީއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ބައެއް ފަހަރު މިތަކެތި ފޯރުކޮށްދިނުމުގައި ބަލި މީހާގެ ޙާލަތަށް އެންމެ އެކަށީގެން ނުވާ ތަކެތި ލިބޭކަންވެސް ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން، ބަލިމީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ދީފައިވާ މަޢުލޫމާތުން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެއެވެ.

މި ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ޕޮޒިޓިވްވާ މީހުން އެކަނި އެޑްމިޓްކޮށްގެން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ތަނަކަށް ވީނަމަވެސް އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭކަމާއި، މިހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެންޖެހުމުގެ ސަބަބުން އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

މި ޒިޔާރަތުގައި ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުންދާ ކަމަށް ކޮމިޝަނުން ހާމަކުރެއެވެ. އެގޮތުން ފެސިލިޓީގައި މަސައްކަތް ކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު އެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮމިޝަންގެ ރިޕޯޓްގައި ގޮވާލާފައިވެއެވެ. އަދި ބައެއް މުވައްޒަފުންނަށް ބަންދެއް ނެތި 12 ގަޑިއިރު މަސައްކަތް ކުރާކަމަށާއި އެ މުވައްޒަފުންނަށް މުސާރަ ލިބުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާތީ އެ މައްސަލަ ވަކިން ބަލަމުން އަންނަކަންވެސް ކޮމިޝަންގެ ރިޕޯޓްގައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!