ފޮޓޯ: މިހާރު

ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމުގެ ބިލު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވަން ދައުލަތުން ރަސްމީ ގެކޮޅަަކާއި މުވައްޒަފުން ހަމަޖައްސައި ދިނުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިދެބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މިހަފްތާގެ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މަޖިލީހުގެ ރައީސަށް ޚާއްސަ ގެކޮޅު ހަމަޖެއްސުމަށް އިސްލާހު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު ބިލަށެވެ. މިއިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދެވެ.

އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖެއްސުމަށް އިސްލާހު ގެންނަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށެވެ. މިއިސްލާހު ހުށަހެޅުވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

އެ ދެ ބިލްގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ގެކޮޅެއް ހަމަޖައްސައި ދިނުމުގެ އިތުރުން އެމްއެންޑީއެފް އިން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ޖެހޭނެ އެވެ. އަދި އެ ގޭގައި އެ ބޭފުޅުންގެ ދަރިންނާއި އަނބިންނާއި މަންމަ އަދި ބައްޕައަށް ދިރިއުޅެވޭނެ ކަމަށް އެ ދެ ބިލުގައިވެއެވެ. އަދި ދެ ގެއަށް ދައުލަތުގެ ޚަރަދުގައި މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހޭނެއެވެ.

މަޖިލީހުގެ ރައީސަށް ހަމަޖައްސާ ގެކޮޅުގެ މުވައްޒަފުންގެ ކަންކަން މަޖިލީހުގެ އިދާރާއިން ބަލަހައްޓަން ޖެހޭނެ ކަމަށާއި އަދި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސާ ގެކޮޅުގެ މުވައްޒަފުންގެ ކަންކަން ބަލަހައްޓާނީ ސުޕްރީމް ކޯޓުން ކަމަށް އެ ބިލުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންގުވުމަށް އުއްތަމަ ފަނޑިޔާރު އެކުލަވާލެއްވި މި ބިލަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމެވި ނިންވުމެކެވެ. އެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ. އެ ހަމަލާއާ ގުޅިގެން ހަތަރު މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!