ހުޅުމާލޭގައި 2000 ހައުސިން ޔުނިޓް އަޅަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް އިންޑިއާގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އަޝޯކާ ބިލްޑްކޮން ލިމިޓެޑާ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އިއްޔެއެވެ. އިއްޔެ ބޭއްވި ވާޗުއަލް ރަސްމިއްޔާތެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަފިއްޔާ އަންވަރެވެ. އަދި އަޝޯކާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ބިޒްނެސް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޖެނަރަލް މެނޭޖަރު، އަޖޭ ކަންކަރިޔާއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ މި 2،000 ހައުސިންގ ޔުނިޓްގެ މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ އިންޖިނިއަރިންގ، ޕްރޮކިއޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އުޞޫލުންނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ޖުމްލަ އަގު 140 މިލިއަން ޑޮލަރަށް އަރާއިރު އެ ފައިސާ ހަމަޖައްސާނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ނަަގާ ލޯނަކުންނެވެ. އަދި މި މަޝްރޫޢު ފުރިހަމަކުރުމަށް 3 އަހަރު ދުވަސް ނަގާނެކަމަށް ބެލެވޭކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ.

އެ މަޝްރޫއުގެ ދަށުން ތަރައްޤީކުރާނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 ޔުނިޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 ޔުނިޓްތަކެކެވެ.

އަޝޯކާ ބިލްޑްކޮން ލިމިޓެޑަކީ އިންޑިއާގެ އިތުރުން އެކި ޤައުމުތަކުގައި ކާމިޔާބުކަމާއެކު ބޮޑެތި ޕްރޮޖެކްޓްތައް ފުރިހަމަކޮށްފައިވާ ކުންފުންޏެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!