ކޮވިޑް ޖެހިގެން ހަތް އަހަރުގެ ކުއްޖަކު ވެންޓިލޭޓަރުގައި!

ރާއްޖޭގައި ކޮވިޑް-19 ޖެހުނު އުމުރުން 7 އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާ ކުޑަ ކުއްޖެއްގެ ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، މި ކުއްޖާއަށް ކޮވިޑް ޖެހުނީ ކިޑްނީ ބައްޔަށް ބޭސް ކުރަން މާލެ އައިސް އުޅެނިކޮށެވެ. އެ ކުޑަ އަންހެން ކުއްޖާގެ ބައްޕަ ހާމަކުރިގޮތުގައި، އޭނާގެ ދަރިފުޅަކީ އެންމެ ތުއްތު އިރުއްސުރެ، ކިޑްނީ ބައްޔަކަށް ފަރުވާ ކުރަމުންދާ ކުއްޖެއް ކަމަށެވެ. އަދި ރަށުން އެންމެ ރަނގަޅު ފަރުވާ ނުލިބޭތީ، ކޮންމެ މަހަކު އެއް ފަހަރު ވެސް ދަރިފުޅު ގޮވައިގެން މާލެ އަންނަން ޖެހޭ ކަމަށާއި އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާހެދި މިހާރު އޭނާ ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން މާލެ އަންނަނީ ކޮންމެ ތިން މަހަކުންނެވެ.

އޭނާ ބުނިގޮތުގައި ދަރިފުޅު ގޮވައިގެން މާލެ އައިތާ ހަތަރު ވަނަ ދުވަހު އެ ކުއްޖާ އަށް ކޮވިޑް ޖެހުނެވެ. އެކަމަކު ހާލު ސީރިއަސްވާން ފެށީ ބަލި ޖެހުނުތާ 10 ވަރަކަށް ދުވަސް ފަހުން ކަމަށް ބުންޏެވެ. ހާލު ދެރަވެ، ކުޑަކުއްޖާ ވެންޓިލޭޓަރަށް ލީ ރޭގަ އެވެ. އަދި އޭނާގެ ހާލަތަކަށް ބަދަލެއް ނާދެއެވެ.

މިއީ ތ.ވިލުފުއްޓަށް ނިސްބަތްވާ ކުއްޖެކެވެ.

ކޮވިޑް-19 ގައި އެންމެ ބޮޑުވަރުވާ ހައި ރިސްކުގެ ކެޓަގަރީގައި، ކިޑްނީ ބަލި ފަދަ ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުން ހިމެނެއެވެ.

ރާއްޖޭގައި މިހާތަނަށް ގިނަ އަދަދެއްގެ ކުޑަކުދިންނަށް ވަނީ ކޮވިޑް ޖެހިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ ބުނިގޮތުގައި އުމުރުން 10 އަހަރުން ދަށުގެ 5،131 ކުއްޖަކަށް މި އަހަރުގެ މިހާތަނަށް ވަނީ ކޮވިޑް ޖެހިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!