ޓެރަރިޒަމްގެ ތުހުމަތުގައި ހުޅުމާލެއިން 3 މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން އަނެއްކާވެސް 3 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. މި ތިން މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އަނެއް މީހާ ހައްޔަރުކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުންނަކީވެސް މިމަހުގެ 6 ވަނަދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅުން ހުރި ބައެއް ނޫނެވެ. އިއްޔެ ހައްޔަރު ކުރި އެއްވެސް މީހަކާއި ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއި އާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގާ މިހާތަނަށް މިވަނީ 17 މީހަކު ހައްޔަރުކޮށްފައެވެ. މީގެތެރޭގައި އައްޑޫ ސީޓީގައި ހިންގި އޮޕަރޭޝަނެއްގައި އެ ސިޓީން ހައްޔަރުކުރި 11 މީހަކާއި އޭގެ ފަހުން މާލޭގައި ހިންގި އޮޕރޭޝަނެއްގައި މީގެކުރިން ހައްޔަރުކުރި 3 މީހުންވެސް ހިމެނެއެވެ.

މިމަހުގެ 15ވަނަ ދުވަހު އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ ހަތިޔާރާއި ބޮން އުފައްދަމުން އަންނަ ބައެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މާލެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި 2007 ވަނަ އަހަރު އއ ހިމަންދޫގައި ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކޮށް ޖަލަށް ލުމުން ދެ ފަހަރެއްގެ މަތިން ޖަލުން ފިލި އަބްދުﷲ އަލީ މަނިކު ހިމެނެއެވެ. އަދި ޖިހާދަށް ސިރީޔާއަށް ދަނިކޮށް ތުރުކީ ބޯޑަރުން ހައްޔަރުކޮށް ރާއްޖެ ގެނައި މީހެއްވެސް ހިމެނެއެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!