ރައީސްގެ ނިންމެވުމާއެކު އެމްޑަބްލިއުއެސްސީ އިންވެސް ޑިސްކައުންޓެއް

ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއެކު އެމްޑަބިލިއުއެސްސީ އިންވެސް ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓުދޭން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގަައި މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ފެން ބިލުން 30 އިންސައްތައިގެ ޑިސްކައުންޓެއް އަދި ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް ދެވިގެންދާނެ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައެވެ. އެއާއެކު ފެނަކަ އިންވެސް ވަނީ ފެނާއި ކަރަންޓުބިލުން ޑިސްކައުންޓު ދޭން ނިންމާފައެވެ.

އެމްޑަބްލިޔުއެސްސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ފަދައިން، އެމްޑަބްލިޔުއެސްސީ އިން ހިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއި މަހުގެ ފެނު އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރު، ކ.މާފުށި އަދި ހދ.ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ މި ހިނގާ މެއި މަހުގެ ފެން ބިލުން 30 އިންސައްތު އަދި ކޮންމެ ވިޔަފާރިއެއްގެ މި މަހުގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެމްޑަބްލިޔުއެސްސީ އިން ރ.ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތުންވެސް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައެވެ.

މިގޮތުން ދުވާފަރުގެ ކޮންމެ ގޭބިސީއެއްގެ މެއި މަހުގެ ކަރަންޓު ބިލުން 40 އިންސަތަ އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ކަރަންޓް ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!