މިއަހަރު 10 އަހަރުން ދަށުގެ 5000އަށްވުރެ ގިނަ ކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

އުމުރުން 10 އަހަރުން ދަށުގެ 5،131 ކުއްޖަކަށް މި އަހަރުގެ މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބުނީ، މިދިޔަ ޖެނުއަރީ މަހުންް ފެށިގެން ކޮންމެ ދުވަހަކު ވެސް އުމުރުން 10 އަހަރުން ދަށުގެ 52 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވާ ކަމަށެވެ.

އެޗްޕީއޭގެ ކޮވިޑްގެ މައުލޫމާތު ހިމެނޭ ވެބްސައިޓުގައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން، މިހާތަނަށް 10 އަހަރުން ދަށުގެ 3،154 އަންހެން ކުއްޖަކާއި 3،470 ފިރިހެން ކުއްޖަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. މިއީ އުމުރުން 11-20 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ބަލި ޖެހުނު ކުދިންނަށް ވުރެ ވެސް އިތުރު އަދަދެކެވެ.

މި ތަފާސްހިސާބުތަކުގެ އަލީގައި އެޗްޕީއޭ އިން ބުނީ، ބޭރަށް ނުކުމެ އުޅުން މަދުކުރުމުން ބައްޔަށް ހުށަހެޅޭ މިންވަރު ކުޑަވެ، ކުދިންނަށް ރައްކާތެރިކަން އިތުރުވާނެ ކަމަށެވެ.

މިހާތަނަށް ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް ބަލި ޖެހުނީ ޒުވާނުންނަށެވެ. އެޗްޕީއޭގެ މައުލޫމާތުތައް ދައްކާ ގޮތުގައި އުމުރުން 31-40 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 14،150 މީހަކަށް ބަލި ޖެހިފައިވެ އެވެ.

ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މި އަހަރު ވަރަށް ބޮޑަށް އިތުރުވި އެވެ. ވަކިން ހާއްސަކޮށް މި މަހުގެ ތެރޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ވަނީ ރިކޯޑް މިންވަރަށް އިތުރުވެފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދުތައް ކޮންމެ ދުވަހަކު ވެސް 1،000 އިން މަތީގައި އުޅޭއިރު މިވަގުތު ވެސް ބަލިން ރަނގަޅު ނުވެ 24،867 މީހަކު އެބަ ތިއްބެވެ. މީގެ ކުރިން އެކްޓިވް ކޭސްތައް މިހާ ބޮޑަށް މައްޗަށް އަރައިފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!