ހިޔާ ފްލެޓްތަކުގެ ކުއްޔަކީ 8،500 ރުފިޔާ

ކުރީ ސަރުކާރުން ހުޅުމާލޭގެ ފޭސް 2 ގައި ތަރައްގީކުރި ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޮމްޕެނީ (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީން އާންމުކުރި ނޫސްބަޔާނުގައި ބުނީ އެ ފްލެޓުތަކަށް ޑައުންޕޭމެންޓް ދައްކަން ނުޖެހޭނެ ކަމަށާއި ނަމަވެސް ޑައުންޕޭމެންޓް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށެވެ. 

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ހަލާސްކުރަން ޖެހެނީ 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓްގެ ގޮތުގައި މަހަކު 7،500ރ. ދައްކާ ގޮތަށް ކަމަށެވެ. އަދި ފްލެޓްތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ. ނަގަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކާ ފައިސާ ފްލެޓްގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި އެ އަގާ އެއްގޮތަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި ފްލެޓެއް ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ، ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް އެއްްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ކަނޑައަޅާފައިވަނީ ފްލެޓްތައް ހަވާލުކުރާއިރު ފިނިޝިން މަސައްކަތް ނުނިމެނޭތީ އެކަން ކުރުމަށެވެ. ކުލި ދައްކަން ނުޖެހޭ އެ ތިން މަހަކީ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދޭ ތިން މަހެވެ. އެ ފްލެޓުތައް ދޫކުރާއިރު ބޮކި ފަންކާ ހަރުކޮށްފައި ނުހުންނާނެ އެވެ. މުށި ޖަހައި ކުލަ ލައި ފިކްސްޗާސް އެންޑް ފިޓިންގްސް ހަރު ކުރަން ޖެހޭނީ އެ ފްލެޓު ލިބޭ ފަރާތްތައް އަމިއްލަ އަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!