ފުވައްމުލަކު މަގުހެދުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ނައިބް ރައީސް މަޝްވަރާކުރައްވައިފި

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއާއި އެހެނިހެން މުވައްސަސާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅޭގޮތުން ނައިބް ރައީސް ފައިޞަލް ނަޞީމް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވެވި މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަޝްވަރާ ކުރައްވާފައިވަނީ ފުވައްމުލަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި ފުވައްމުލަކުގެ ކައުންސިލުން ވަނީ ސްޓޯމް ވޯޓަރ ސިސްޓަމް އާއި ނަހަދާ މަގުތައް ގުޅުވޭ ގޮތަށް ސްޓޯމް ސިސްޓަމް އިސްލާހު ކުރަން ޖެހޭނަމަ އިސްލާހުކުރަން ބޭނުންވާކަމުގައި ބުނެފައެވެ. މީގެ އިތުރުން މަގުގެ ކާނުތަކުގެ ސްލެބު ދަށުން އަޅާފައިވާ ހުރިހާ ޑަކްޓް ހޮޅިތައް ނަގައި ސްލެބް ދަށުން ޖާގަ ތަނަވަސް ކުރަން އަދި ކަލްވަޓްތައް ފުޅާކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުންވެސް މަގުހެދުމުގައި ސަމާލުކަން ދިނުމަށް މުހިންމު ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވެވިއެވެ.

އެއަށްފަހު މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ކޯވިޑް-19ގެ މި ހާލަތުގައި ރައްޔިތުން ގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެކި އިދާރާތަކުން ދެމުންދާ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެ މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ފުވައްމުލަކުގެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި، ވެމްކޯގެ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެން ބޮޑުވުމުގެ މައްސަލަ މި ފަހުން ދިމާ ނުވާވަރަށް މިހާރު އެމައްސަލަ ދިމާވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، އެމައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޕްލޭނިންގ މިނިސްޓްރީގެ ޓީމަކާއި އެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ލަފާ ދެއްވެވިއެވެ. އަދި ފުވައްމުލަކުގެ ހޮސްޕިޓަލަށާއި އެހެން މުވައްސަސާތަކަށް ކުރިމަތިވާ ކަންކަމުގައި އެކަމާއި ގުޅޭ މިނިސްޓްރީ ތަކާއި މަޝްވަރާ ކުރައްވާ އެކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ބޭފުޅުންނާއި، އެމް.ޓީ.ޓީ.ސީގެ ބޭފުޅުންނާއި، ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފުވައްމުލައް ސިޓީގެ ކައުންސިލްގެ މޭޔަރ އާއި ކައުންސިލް މެންބަރުންގެ އިތުރުން ފުވައްމުލަކުގެ އެކި އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!