ފްލެޓް ނިންމަން ޕެންޝަން ފައިސާ ބޭނުންކުރެވެންޖެހޭ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ރައްޔިތުން ކުރަންޖެހޭ ހަރަދު ކުޑަކުރުމަށް، ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވެން ޖެހޭނެ ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތައް ލިބޭ މީހުން އަމިއްލަ އަށް ފިނިޝިންގެ މަސައްކަތް ނިންމުމަށް ކަމަށެވެ. އެއީ މުއްދަތެއް ހޭދަވާނެ ކަމަކަށް ވާތީ އެ ކަމަށް ތިން މަސް ވަނީ ކަނޑައަޅައިފަ އެވެ.

މި ސަރުކާރުން ނިންމާފައިވާ ގޮތުން ނަމަ ދެ ކޮޓަރީގެ ފްލެޓްތައް ދޭނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށެވެ. ސިޓިންރޫމާއި ކޮޓަރިތަކުގައި ތަށިމުށި ވެސް ނުޖަހާނެ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމާނީ އެ ތަންތަން ލިބޭ މީހުން އަމިއްލަ އަށް ކަމަށް ޔާމީންގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް މި ސަރުކާރުން ބުންޏަސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުއިއްޒު އެކަން ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ޔާމީންގެ ސަރުކާރުން އެއްބަސްވެފައި އޮތީ ހިޔާ ފްލެޓްތައް ހަވާލު ކުރާނީ ފިނިޝިންގެ މަސައްކަތް ހިމެނޭ ގޮތުން ހުރިހާ ކަމެއް ނިންމައި ތަންތަން ހަވާލުކުރާ ގޮތަށް ކަމަށެވެ.

ހިޔާ ފްލެޓްތަކާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ފްލެޓްތަކުގެ ފިނިޝިން އަށް ރައްޔިތުން ކުރަންޖެހޭ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން، އެ މީހުންގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް ބޭނުންކުރުމުގެ އިހުތިޔާރު އޮންނަން ޖެހޭނެ ކަމަށެވެ.

ހިޔާ ޕްލެޓްތަކުގެ ކުއްޔަކީ 7500ރ. އެވެ. ސަރުކާރުން ނިންމާފައި ވަނީ ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރު ކުރުމާއި، ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަންޖެހެނީ ފްލެޓް ލިބޭ މީހުން އަމިއްލަ އަށެވެ.

ފްލެޓް ލިބޭ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ނިމުމުން އެމީހުން އެތަންތަނަށް ދިރިއުޅުން ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އެ މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމާ އެކު ކޮންމެ މީހަކާ އެކު އެޗްޑީސީން އެއްބަސްވުމެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!