އޯލެވެލް ދަރިވަރުން ޕާމިޓެއްގެ ގޮތުގައި ބޭނުން ކުރާނީ އެކުއްޖެއްގެ ސްޓޭޓްމަންޓް އޮފް އެންޓްރީ

ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ މާލެ ސަރަަހައްދުގައި ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮތް އިރު އޯލެވެލް ދަރިވަރުން އިމްތިހާނަށް ދާން ނުކުންނަ އިރު ޕާމިޓެއްގެ ގޮތުގައި ބޭނުން ކުރާނީ އެކުއްޖެއްގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ކަމަށް ނިންމައިފިއެވެ.

މިގޮތަށް ހަމަޖައްސާފައި ވަނީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އެ ގޮތުން މިހާރު މާލެ ސަރަހައްދުގައި ހަވީރު 4 އިން ހެނދުނު 8 އާ ދެމެދު 16 ގަޑިއިރުގެ ކާފިއުއެއް މާދަމާއިން ފެށިގެން ހިންގާ ގޮތަށް ވަނީ ހަމައްސާފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ނިކުމެވޭނީ ކޮންމެ ގޭބިސީއަކަށް ވެސް ދޫކުރާ ދެ ފާހުން ކުރެ ފާހެއް އޮވެގެން ކަމަށް އެޗްޕީއޭ އިން ބުނެއެވެ

މި ބަދަލާއެކު އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން އިމްތިހާނަށް ދާން ނުކުންނަން ޖެހޭނީ އެ ކުއްޖަކަށް ދީފައިވާ ސްޓޭޓްމަންޓް އޮފް އެންޓްރީ އާ އެކުގައެވެ. އެ ކަރުދާހަަކީ ދަރިވަރު އިމްތިހާނަށް ދިއުމަށް ބޭރަށް ނުކުތުމަށް ބޭނުން ކުރެވޭ ހުއްދައެވެ. އަދި ދަރިވަރުން ގޮވައިގެން ދާ ބެލެނިވެރިއާގެ އަތުގައި ވެސް މި ކަރުދާހުގެ ކޮޕީއެއް ނުވަތަ ފޯނުގައި އޭގެ ފޮޓޯއެއް އޮންނަން ވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އޯލެވެލް އިމްތިހާނު މިހާރު ކުރިއަށް ދާއިރު ސްކޫލަށް ބައެއް ދަރިވަރުން އިތުރު ގަޑީގެ ކްލާސްތަކަށް ދާން ޖެހެއެވެ. މިފަދަ ހާލަތްތަކުގައި ބެލެނިވެރިއާ ކުދިން ސްކޫލަށް ގެންދަން އަދި ބަލައި ދިއުމަށް ބޭރަށް ނުކުންނަ ވަގުތުތަކުގައި ޕޮލިހުން ހުއްދައެއް ހޯދަން ޖެހޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނު ފަސްކޮށްފައި ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!