ފޮޓޯ: އަވަސް

އަތޮޅު ރައީސުންގެ ތެރެއިން އެލްޖީއޭއަށް ނިމާލް

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑްގައި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން ތަމްސީލު ކުރާނެ ބޭފުޅަކަށް ކ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ނިމާލު އިންތިހާބު ވެއްޖެ އެވެ. ނިމާލް ހޮވިވަޑައިގެންފައިވަނީ އިންތިހާބަކާ ނުލައެވެ.

އެލްޖީއޭގެ ބޯޑްގައި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން ތަމްސީލު ކުރާނެ ބޭފުޅަކު އިންތިހާބު ކުރަން އެކަމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވީ ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އާއި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ. ނިމާލަކީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލަރަކެވެ. ބަޝީރު ނިސްބަތްވަނީ އެމްޑީޕީއަށެވެ.

ކައުންސިލްތަކުގެ ރައީސުންގެ ވޯޓުން އިންތިހާބު ކުރަން ޖެހޭ މި މަގާމަށް އިންތިހާބަކާ ނުލައި ނިމާލު ހޮވިވަޑައިގެންނެވީ ބަޝީރު ފޯމް ހުށައެޅުއްވީ ސުންގަޑީގެ ފަހުން ކަމަށް ވާތީއެވެ. ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މި މަހުގެ 24ގެ މެންދުރު ފަހު ދޭއްގެ ކުރީންނެވެ. ބަޝީރު ފޯމް ހުށައެޅުއްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނީ 2:04 ގައެވެ. ނަމަވެސް ބަޝީރު އެކަން ދޮގު ކުރައްވައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެލްޖީއޭގެ މެންބަރު ކަމަށް ކުރިމަތިލެއްވި ކައުންސިލަރުންގެ ތެރެއިން މެއި 24 ގެ މެންދުރު 2:00 ގެ ފަހުން އިލެކްޝަންސް ކޮމިޝަނަށް ރިސީވްވެފައިވާ އެޕްލިކޭޝަންތައް ބަަލައިނުގަންނަ ނިންމާފައިވާ ކަަމަށެވެ.

އެލްޖީއޭގެ ބޯޑަށް އިންތިހާބުވުމާއި ގުޅިގެން ނިމާލް ވިދާޅުވީ ބޯޑްގައި މަސައްކަތް ކުރައްވަނީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ހުރިހާ ކައުންސިލްތަކަށްވެސް ހަމަހަމަ ފުރުސަތު ހޯދާ ދިނުމަށް ކަމަށެވެ. އަދި އެއްވެސް ކައުންސިލަރަކަށް އަދި ކައުންސިލަކަށްވެސް އިންސާފުން ބޭރުން ކަމެއް ކުރިމަތިވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާ އެފަދަ ހާލަތެއްގައި އަޑުއުފުއްލަވާނެ ކަމަށެވެ.

“ހުރިހާ އަމާޒަކީ ނިޒާމު ހަރުދަނާކޮށް ވަރުގަދަކުރުން. ރަށްތަކަށް ތަރައްގީ އާއި ކުރިއެރުން ގެނެސް ދިނުން. އަޅުގަނޑު މި މަގާމަށް ކުރިމަތީ ވަކި ކައުންސިލަކަށް ތަފާތު ކުރުމެއްނެތި ހަމަހަމަ ފުުރުސަަތު ހޯދާ ދިނުމަށް ވަކާލާތު ކުރުމަށް. އެ ޔަގީންކަން އަރުވަން،” ޓްވެންޓީފޯއަވާސްމޭންގެ ގޮތުގައި ސިޔާސީ މައިދާނުގައި މަޝްހޫރުކަން ހޯއްދެވި ނިމާލް ވިދާޅުވިއެވެ.

ނިމާލްއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!