އެމްޕީއެލްގެ ބަހުގެ ޚިދުމަތް މެދުކަނޑާލަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ފޯރުކޮށްދެމުންދާ ބަހުގެ ޚިދުމަތްތައް މެދުކަނޑާލަން ނިންމާލައިފިއެވެ.

އެމް.ޕީ.އެލްއިން ވިދާޅުވީ، ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި، މާލޭ ސަރަޙައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނެވުނު ބަދަލުތަކާއެކު މާދަމާއިން ފެށިގެން ގްރޭޓަރ މާލޭ ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް އެކުންފުނިން ފޯރުކޮށްދެމުންދާ ބަހުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށެވެ.

އެހެންނަމަވެސް ޚާއްސަ ހުއްދަ ދީފައިވާ ފަރާތްތަކާއި، ވަޒީފާއަށްދާ ފަރާތްތަކަށް ދަތުރުކުރެވޭނެ ޚާއްސަ ގަޑިތަކެއް އެމް.ޕީ.އެލުން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން 06:30، 07:00، 08:00، 11:00، 14:00، 15:00، 16:00، 22:30 އަދި 23:30 ގައި ޚާއްސަ ހުއްދަ ދީފައިވާ ފަރާތްތަކާއި، ވަޒީފާއަށްދާ ފަރާތްތަކަށް ބަހުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެމް.ޕީ.އެލުން ވިދާޅުވެފައިވެއެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑް ފެތުރޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވުމާގުޅިގެން، މި ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ކާފިޢު ގަޑި ހަވީރު 16:00 އިން ހެނދުނު 08:00 ވަނީ އިތުރުކޮށްފައެވެ. އަދި މަގުމަތީގައި މީހުން އުޅޭ މިންވަރު މަދުކުރުމުގެގޮތުން ކާފިޢު ނޫން ގަޑިތަކުގައިވެސް ބޭރުތެރޭ އުޅެވޭނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ދޫކުރާ ޚާއްސަ ހުއްދައާއެކުއެވެ. މީގެ އިތުރުން މާލޭއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރުންވެސް އެޗް.ޕީ.އޭއިން ވަނީ މަނާކޮށްފައެވެ.

މިބަދަލުތަކާގުޅިގެން އެމް.ޕީ.އެލްގެ ބަހުގެ ޚިދުމަތްތައް މާދަމާއިން ފެށިގެން މެދުކަނޑާލުމަށް ނިންމާފައިވާއިރު، ޚިދުމަތްތައް އަލުން ފަށާނެ ތާރީޚެއް ފަހުން ހާމަކުރާނެކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!