ކިރަންގެ ހާލު އަންނަނީ ރަނގަޅުވަމުން: އަނުޕަމް ކޭރް

ބޮލީވުޑްގެ ދުވަސްވީ އެކްޓްރެސް ކިރަން ކޭރް ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފިރިމީހާ އަދި ކުޅަދާނަ އެކްޓަރު އަނުޕަމް ކޭރް ބުނެފިއެވެ.

ކިރަން، 68، އަށް ކެންސަރު ޖެހުނުކަން ހާމަކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ.

‘ބޮމްބޭ ޓައިމްސް’ އާ ވާހަކަދައްކަމުން ކިރަންގެ ފިރިމީހާ އަނުޕަމް ބުނިގޮތުގައި، ކިރަން ކީމޯތެރަޕީގެ ފަރުވާ ހޯދަމުންދާއިރު ފެންނަނީ ވަރަށް ހިތްވަރުގަދަކޮށް ކަމަށެވެ. އަދި އޭނާގެ އެ ހިތްވަރާއެކު ބަލިން ފަސޭހަވަމުން އަންނަ ކަމަށް ބުންޏެވެ. އެހެންނަމަވެސް، ކޮވިޑް-19 ގެ ދުވަސްވަރުކަމުން އިތުރު ނުތަނަސްވަކަމެއް ވެރިވެފައިވާ ކަން ފާހަގަކުރިއެވެ.

“ކިރަން އަށް މީހުންނަކީ ބައްދަލެއް ނުކުރެވޭ. އެކަމަކުވެސް އޭނާގެ ހާލު ދުވަހަކަށްވުރެ ދުވަހެއް ރަނގަޅު”.

އަނުޕަމް ބުނީ ކީމޯތެރަޕީގެ އުނދަގޫތައް އެކިދުވަހު ހުންނަނީ އެކިވަރަށް ކަމަށެވެ. އެހެންކަމުން ބައެއް ދުވަސްތަކުގައި ކިރަން ވަރަށް ވޭނުގައި އުޅޭކަމަށާއި، އެކަމާ ހުރެ ބައެއް ފަހަރު އޭނާގެ އުންމީދު ގެއްލޭ ފަހަރު ކުރިމަތިވާ ކަމަށް ބުންޏެވެ. އެހެންނަމަވެސް މުޅި އާއިލާ ތިބީ ކިރަން އާ އެކީގައި ކަމަށާއި، އެންމެންގެ ދުއާއަކީ ކިރަން އަށް އަވަސް ޝިފާއެއް ލިބުން ކަމަށެވެ. “ފޭނުން ވެސް އެދެނީ އެގޮތަށް ކަމަށް ދެކެން”.

އޭނާ ބުނީ އަންހެނުންނަށް ކެންސަރު ޖެހުނު ވާހަކަ އެނގިގެން ހޮލީވުޑްގެ އެކުވެރިޔާ މަޝްހޫރު އެކްޓަރު ރޮބަޓް ޑި ނީރޯ ވެސް ވަރަށް ގިނައިން ގުޅައި، މެސެޖްކޮށް ކިރަންގެ ހާލަތާ ބެހޭ ގޮތުން ސުވާލުކުރާ ކަމަށެވެ. އެއީ ވެސް ލިބޭ ހިތްވަރެއް ކަމަށް ބުންޏެވެ. ކިރަން އަށް ކެންސަރު ޖެހުނުކަން އެނގުމާއެކު އަނުޕަމް ވަނީ އޭނާ ކުޅެމުންދިޔަ ހޮލީވުޑް ޓީވީ ޝޯ “ނިއު އެމްސްޓާޑަމް” ދޫކޮށްލައި، އަންހެނުން ކައިރީގައި ހުރުމަށް އައިސްފައެވެ.

ކިރަން ވަނީ ހިންދީ ފިލްމުތަކުގައި މަންމަގެ ރޯލު ކުޅެގެން ބެލުންތެރިންގެ ލޯބި ހޯދަައިފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!