އަހަންނަކީ ބޮލީވުޑްގައި އެންމެ ނާކާމިޔާބު ޚާން ކަން ޤަބޫލުކުރަން: ސައިފް

ބޮލީވުޑްގައި ތިބި 4 ޚާން އެކްޓަރުން ކަމަށްވާ ސަލްމާން ޚާން، ޝާހްރުކް ޚާން، އާމިރު ޚާން އަދި ސައިފް އަލީ ޚާންގެ ތެރެއިން އެންމެ ނާކާމިޔާބު ޚާނަކީ އޭނާ ކަމުގައި ސައިފް ބުނެފިއެވެ.

ދާދިފަހުން ‘ފިލްމް ކޮމްޕޭނިއަން’ އަށް ދިން އިންޓަވިއުއެއްގައި 50 އަހަރުގެ އެކްޓަރާ ކުރެވުނު ސުވާލަކާ ގުޅޭގޮތުން ބުނީ، ދެން ތިބި ތިން ޚާނުންނަކީ އެމީހުންގެ ފިލްމީ ކެރިއަރުގައި ވަރަށް ކާމިޔާބު ބައެއް ކަމަށް މީހުން ބުނާ ވާހަކައަށް ތާއީދުކުރާ ކަމަށެވެ. ސައިފް ބުނީ އެ ތިން މީހުންނަކީ އުފެދުމުގައި ވެސް އެކްޓިންގެ ހުނަރު ލިބިފައިވާ ތިން ފަންނާނުން ކަމަށެވެ. އަދި އޭގެތެރެއިން ދެމީހުންނަކީ ކުޑައިރުންސުރެ އެކްޓަރަކަށް ވުމުގެ ހުވަފެންތައް ދެކެމުން އައި ދެމީހުންކަން އެނގޭ ކަމަށް ސައިފް ބުންޏެވެ.

“ސަލްމާންގެ ގޮތެއް ނޭނގޭ، އެކަމަކު ޝާހްރުކް އާއި އާމިރަކީ އެންމެ ކުޑައިރުންސުރެ އެ އަޒުމުގައި ތިބި ދެމީހުން”، ސައިފް ބުނެފައިވެއެވެ.

ސައިފް ބުނީ އޭނާ ބޮލީވުޑަށް ނުކުތް ދުވަސްވަރު އޮންނަ ގޮތަކީ، ސުޕަސްޓާރަކަށް ވުން ނުވަތަ އެއްވެސް ކާމިޔާބީއެއް ނުލިބި ދާއިރާ ދޫކޮށްދާން ޖެހޭ ކަހަލަ ގޮތަކަށް ކަމަށެވެ. “އޭރު ނޯވެ ތަފާތު ކެރެކްޓާތައް ކުޅުމެއް ވެސް. އެކަން އައީ މާ ފަހުން”.

ސައިފް ފިލްމީ ދާއިރާއަށް ނުކުތް ދުވަސްވަރު އޭނާގެ ކެރިއަރު ކުރިއެރުވުމަށް އެންމެ ބޮޑު އެހީއެއް ލިބުނީ އަކްޝޭ ކުމާރުގެ ފަރާތުން ކަމަށް ސައިފް ބުނެއެވެ. “އެދުވަސްވަރު އަކްޝޭއާ އެކީ ވަރަށް ގިނަ ފިލްމު ކުޅެވިފަ ހުންނާނެ. އެ ފިލްމުތަކުގަ އަހަންނަކީ ކިއުޓް އަދި މަޖާ މީހެއް ގޮތަށް ބެލުންތެރިންނަށް ފެނުނީ. އެކަމަކު އަކްޝޭގެ ހުންނަނީ މުޅިން އެހެން ސިފަތަކެއް. އެހެންވީމަ އަހަރެމެން ދެމީހުން އެކަކު އަނެކަކު ފުރިހަމަ ކޮށްދިނީ”. އެހެންނަމަވެސް ސައިފް ބުނީ، ދެން ތިބި ޚާނުންގެ ކެރިއަރުގައި އެފަދައިން ދެވަނަ މީހެއްގެ އެހީ ބޭނުންނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުންގެ ކިބައިގައި ހުރިހާ ސިފަތަކެއް މާކުރިންވެސް ހުރި ކަމަށް ބުންޏެވެ.

ބަތަލާ ކަރީނާ ކަޕޫރާ ކައިވެނިކޮށްގެން އުޅޭ ސައިފް އަލީ ޚާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ބަންޓީ އޯރް ބަބްލީ 2” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!