ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް އެއްވެސް ޤައުމެއް ބާކީނުކޮށް ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރ ނަސީމް އެދިވަޑައިގެންފި

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެއްވެސް ޤައުމެއް ބާކީނުކޮށް ގުޅިގެން މަސައްކަތްކުރުމަށް ދުނިޔޭގެ ޤައުމުތަކަށް  ހެލްތު މިނިސްޓަރ އަހްމަދު ނަސީމު  ގޮވާލައްވާފިއެވެ.

 74ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި ތަޤުރީރުކުރައްވަމުން ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވީ ސިއްޙީ ރައްކާތެރިކަމަކީ ތަފާތުކުރުމެއްނެތި އެންމެނަށް ލިބެންޖެހޭ ޙައްގެއްކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ވަރޗުއަލްކޮށް ކުރިއަށްގެންދާ މިއެސެމްބްލީގައި ރާއްޖޭގެ ޙާލަތު ބަޔާންކޮށްދެއްވަމުން ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ނާޒުކު ޙާލަތުގައިވެސް ރާއްޖޭގައި ދިރިއުޅޭ ދޭސީންނާއި ބިދޭސީން ފަރަގުނުކޮށް މިހާރު މުޅި ދުނިޔޭގައިވެސް ލިބުން އެންމެ ދަތިވެފައިވާ ވެކްސިންވެސް ދެމުން އަންނަކަމަށެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ހާމަކުރައްވައި މިނިސްޓަރު ވިދާޅުވީ، ވަޞީލަތްތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުމާ އެއްވަރަށް ބޭރުން ލިބޭ އެހީ ހޯދުމުގައިވެސް ދަތިތަކެއް އެބަހުރިކަމަށެވެ.

ރާއްޖެ ފަދަ ޤައުމަކަށް އެހީތެރިވުމުގައި ބޮޑެތި ޤައުމުތަކާ ތަފާތުކުރުމެއްނެތި އެހީ ފޯރުކޮށްދިނުމަށްވެސް މިނިސްޓަރވަނީ ގޮވާލައްވާފައެވެ. އަދި ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް އެއްވެސް ޤައުމެއް ބާކީނުކޮށް ގުޅިގެން މަސައްކަތްކުރުމަށް ދުނިޔޭގެ ޤައުމުތަކަށް މިނިސްޓަރުވަނީ ގޮވާލައްވާފައެވެ.

ކޯވިޑް-19އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު މެމްބަރު ޤައުމުތަކަށް ދެއްވަމުން މިނިސްޓަރވަނީ މިކަމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތައް ތަފްސީލްކުރައްވާފައެވެ.

ވަރލްޑް ހެލްތު އެސެމްބްލީ، އަންނަ މަހުގެ އެކަކާހަމައަށް ކުރިއަށްދާނެއެވެ. މިބައްދަލުވުމުގައި ދުނިޔޭގެ 194 ޤައުމަކުން މަންދޫބުން ބައިވެރިވެއެވެ. ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މިބައްދަލުވުން މިދިޔަ އަހަރާއި މިއަހަރު ކުރިއަށްގެންދަންޖެހިފައިވަނީ ވަރޗުއަލްކޮށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!