އަސްރާ ބޭނުން ނުވިޔަސް އީސަގެ މައްސަލަ ކުރިއަށް ގެންދާނެ: ފުލުހުން

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ކަމަށް ބުނާ މައްސަލަ ކުރިއަށް ނުގެންދަން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް އެދުނު ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އަސްރާގެ ފަރާތުން މިއަދު ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުވައިފައެވެ. އަދި މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އީސަ އަށް ތުހުމަތު ކުރެވެނީ ޖިނާއީ ކުށެއް ކަމަށާއި އެފަދަ މައްސަލަތަކަކަކީ ވަކި މީހަކު އެދިގެން ހުއްޓާލާނެ މައްސަލަތަކެއް ނޫން ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ހިމެނޭ ޖިނާއީ ކުށުގެ ބައި ތަހުގީގުކޮށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައިގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުންގެ އެދުމުގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ވެސް އެދިފައިވެއެވެ. ނަމަވެސް އެ ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށް ކަނޑައަޅާފައެވެ.

އަދި ޕީޖީ އޮފީހުން މިއަދު ވަނީ އެ އަމުރު ނުދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ނުކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. ޕީޖީ އޮފީހުން ބުނީ އެ އަމުރު ނުދިން މައްސަލަ އިސްތިއުނާފް ނުކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ތަހުގީގަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުސަތު ކުޑަވުން ހިމެނޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!