ކޮވިޑް ޖެހިގެން ފަރުވާ ދެނިކޮށް ހިންނަވަރުގެ ކުރީގެ ގާޒީ ނިޔާވެއްޖެ

ކޮވިޑް ބަލީގައި ފަރުވާ ދެމުން ދަނިކޮށް ޅ. ހިންނަވަރުގެ ކުރީގެ ގާޒީ މޫސާ ހަސަން މިއަދު ނިޔާވެއްޖެ އެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް ހަސަން ޝާފިއު ވިދާޅުވީ ގާޒީ މޫސާ ހަސަން ނިޔާވީ ކޮވިޑް ބަލީގައި އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ކަމަށެވެ. އޭނާގެ ޖަނާޒާގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

ހިންނަވަރުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ މުސްކުޅި ބަލީގައި އުޅުއްވާތާ އަހަރުތަކެއް ފަހުން ކޮވިޑް ބަލީގައި މޫސާ ހަސަން ނިޔާވީ އުމުރުފުޅުން 87 އަހަރުގަ އެވެ.

ކޮވިޑް ޖެހިގެން އޭނާ ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. މޫސާ ހަސަން ނިޔާވީ ބ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ހިނގަމުން ދަނިކޮށެވެ.

މިއަދު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ހަތަރު މީހަކާއި އައިޖީއެމްއެޗްގެ އިމަޖަންސީ ރޫމަށް ގެންދިޔަ މީހަކު ވެސް ކޮވިޑްގައި ނިޔާވެފައި އެވެ.

ކޮވިޑްގައި ނިޔާވި މީހުންގެ ޖުމުލަ އަދަދު 135 އަށް އަރާފައިވާއިރު އޭގެ ތެރެއިން 60 މީހުން މަރުވީ މި މަހުގަ އެވެ. އެހެންވެ، މި މޭ މަހަކީ ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!