ފަސްޓް ލޭޑީ، ހުޅުމާލެ ފެސިލިޓީގެ ވޮލެންޓިއަަރަކަށް

ޗީފް ގައިޑް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވާފިއެވެ.

މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ކުރި ޓްވީޓެއްގައި ބުނީ، ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ވޮލަންޓިއަރެއްގެ ގޮތުގައި މެޑަމް ފަޒްނާ، މަސައްކަތް ކުރައްވަމުން ގެންދެވުމަކީ ޒުވާނުންނަށް އަދި ހާއްސަކޮށް އަންހެން ކަނބަލުންނަށް ދައްކުވައިދޭ ނަމޫނާއެއް ކަމަށެވެ.

މިއަދަކީ މެޑަމް ފަޒްނާގެ އުފަން ދުވަހަށް ވާއިރު އެކަމަނާގެ އުފަން ދުވަހުގެ ތަހުނިޔާ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ވަނީ ފޮނުއްވާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ގޯސްވަމުންދާތީ ވޮލަންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާންކުރުމާ ގުޅިގެން އެކަމުގެ ޝައުގުވެރިކަން ފަސްޓް ލޭޑީ ކުރިން ވެސް ފާޅުކުރެއްވި އެވެ.

ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި އެ ކަމަނާ ކުރިން ވިދާޅުވެފައި ވަނީ ފުރުސަތު ދީފި ނަމަ ކޮވިޑްގެ ކަންކަމުގައި އެހީތެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

މިދިޔަ އަހަރު، މާލެ އިން އެންމެ ފުރަތަމަ ކޮވިޑްގެ ބަލިމަޑުކަން ފެނުމާ އެކު ވެސް ފަޒްނާ ވަނީ ވޮލެންޓިއާކޮށް ބައެއް މަސައްކަތުގައި އުޅުއްވައިފަ އެވެ.

މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދެވި ފަސްޓް ލޭޑީ ފަޒްނާ އަނެއްކާ ވެސް ވޮލެންޓިއާކޮށް މަސައްކަތް ކުރައްވަން ފެއްޓެވިއިރު، މިއީ ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެކެވެ. ހާއްސަކޮށް މި ބަލީގައި އެންމެ ގިނަ މީހުން މިހާރު މަރުވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީން ކަމަށް ވާއިރު، ބަލިމީހުން ބޭނުންވާ ވަރުގެ ހިދުމަތްތައް ނުދެވޭ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!