ފޮޓޯ: މިހާރު

އިމާރާތުގެ މަތިން ވައްޓާލީ ކަމަށް ބެލެވޭ ހެއްކެއް އަދި ނެތް: ޕޮލިސް

ހުޅުމާލެ ނިރޮޅުމަގު 6 ނަންބަރު ގޯޅީގައި ވެއްޓިފައި އޮއްވާ ފެނުނު މީހާ އިމާރާތުގެ މަތިން ވައްޓާލީ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ވެއްޓިފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ވެއްޓިފައި އޮއްވާ ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 3:00 ޖެހިއިރު އެވެ.

ބޮކްސާއެއް އެކަނި ލައިގެން އޮތް އެ މީހާ ވެއްޓިފައި އޮތްއިރު ލެއިން ވަނީ ތަތްތެޅިފަ އެވެ. އެމީހާ ވެއްޓިފައި އޮތީ ގެސްޓް ހައުސްއެއްގެ ކައިރިއަށް ކަމަށްވީ ނަމަވެސް އެއީ ގެސްޓް ހައުސްއާ ގުޅުންހުރި ހާދިސާއެއް ނޫން ކަމަށް އެ ގެސްޓް ހައުސް އިން ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މަައުލޫމާތަށް ބަލާއިރު ވެއްޓުމުގެ 10 މިނެޓް ކުރިން އޭނާ އެ އިމާރާތަށް އަރާ މަންޒަރު ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށެވެ. އެ މީހާ އިމާރާތުގެ ފްލޯތަކަށް އަރަމުން ދިޔައީ އެކަނި ކަމަށްވެސް ވިދާޅުވި އެވެ.

“އެހެންވީމަ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އޭނާ ވެއްޓުނު ހާދިސާގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަކަށް ނުފެނޭ،”

އޮފިސަރު ވިދާޅުވީ އިމާރާތުން ވެއްޓުމުގެ ކުރިން އެ ރޭ އެމީހާ ހުޅުމާލޭގެ އެކި މަގުތަކުގައި އަޑުގަދަ ކުރަމުން ދުވާ މަންޒަރު ވެސް ސީސީޓީވީ ފްޓޭޖުތަކުން ފެންނަ ކަމަށެވެ.

މި ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!