މުމްބާއި ފުލުހުންގެ ޝުކުރު ޖެކްލިން އަށް

މުމްބާއީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުން، ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖެކްލިން ފެނަންޑެޒް އަށް ޝުކުރުއަދާކޮށްފިއެވެ.

ދާދިފަހުން ޖެކްލިން ވަނީ މުމްބާއި ފުލުހުންނަށް ވާރޭ ކޯޓާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދީފައެވެ. އެކަމަށް ޝުކުރުއަދާކޮށް މުމްބާއި ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، ޖޫން-ޖުލައި ގެ ވިއްސާރަ މޫސުން ކައިރިވެފައި ވާތީ އެމީހުން އެދުވަސްވަރަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މިހާރު އޮތް ކޮވިޑްގެ ހާލަތުންނާއި، ކުރިއަށް އޮތް ވިއްސާރަ މޫސުމުން ރައްކާތެރިވެ ތިބުމަށް ޖެކްލިން ވެދިން އެހީއަށް ޝުކުރުވެރިވާ ކަމަށް ބުނެފައިވެއެވެ.

އިންޑިއާއަށް ކޮވިޑް-19 ގެ ދެވަނަ ރާޅެއް ބިންދާލައިގެން އުޅޭއިރު، އެހެން ބައެއް މަޝްހޫރު ތަރިންނެކޭ އެއްގޮތަށް ޖެކްލިން ވެސް އަންނަނީ އެހީ ބޭނުންވެފައިވާ އެކި ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން ކުރަމުންނެވެ. އެގޮތުން އޭނާގެ އަމިއްލަ ފައުންޑޭޝަނެއް ކަމަށްވާ ‘ޔޯލޯ ފައުންޑޭޝަން’ އާ އެކީ ދަނީ އެ މަސައްކަތް ކުރަމުންނެވެ.

މުމްބާއި ފުލުހުންގެ ޓްވީޓަށް ރައްދުދެމުން “ކިކް” ގެ ބަތަލާ ބުނީ އޭނާ އެމީހުންނަށް ސެލިއުޓް ކުރާ ކަމަށެވެ. “ވިއްސާރަވިޔަސް،ތޫފާނެއް އަޔަސް އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި އަހަރެމެންނަށްޓަކައި ތިކޮށްދޭ ކަންތައްތަކަށް ޝުކުރިއްޔާ”، ޖެކްލިން ލިޔެފައިވެއެވެ.

ޖެކްލިން، 36، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި، “ބޫތު ޕޮލިސް”، “ކިކް 2” އަދި “ބައްޗަން ޕާންޑޭ” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!