ޝެހެނާޒް ބަރުދަން ލުއިކުރަން ކެއީ މި އެއްޗިއްސޯ!

ޝެހެނާޒް ގިލް އަކީ “ބިގް ބޮސް 13” އަށްފަހު ގިނަ ބަޔަކު ދަންނަ މޫނެކެވެ. އެ ޝޯގައި އޭނާ ދެއްކި މިޒާޖު ވަނީ އެތައް ބަޔަކަށް ކަމުގޮސްފައެވެ. އެހެންނަމަވެސް އެ ޝޯގައި ފެނުނު އިރާ ބަލާއިރު، ޝެހެނާޒް މިހާރު ފެންނަނީ ތަފާތުކޮށެވެ.

އެ ޝޯގައި ޝެހެނާޒް ފުދޭވަރަކަށް ފަލަކޮށް ހުރުމުން، ބައެއް ފާޑުކިޔުންތެރިންގެ މަލާމާތް އަމާޒުވެގެން ދިޔައެވެ. އެކަމަކު މިހާރު ޝެހެނާޒް ފެންނަނީ ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްލައި، ލޫލާފަތިކޮށެވެ. އެހާ ކުޑަދުވސްކޮޅެއްގައި އެފަދަ ބޮޑު ބަދަލެއް ގެނައީ ކިހިނެއްކަން، 28 އަހަރުގެ އެކްޓްރެސް/ލަވަކިޔުންތެރިޔާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މީގެކުރިން އިންސްޓަގްރާމް ލައިވްގައި އޭނާގެ ގާތް އެކުވެރިޔާ ސިދާތު ޝުކްލާއާއެކީ ވާހަކަދައްކަމުން، ސިދާތު ވަނީ ޝެހެނާޒް ބަރުދަން ލުއިކުރި ގޮތް އޮޅުން ފިލުވައިފއެވެ.

އެ ސުވާލަށް ޖަވާބުދެމުން ޝެހެނާޒް ބުނީ، ހުރިހާ ވެސް ސިއްރަކީ ކެއުމަށް ގެނައި ބަދަލު ކަމަށެވެ. އެގޮތުން ހެނދުނު ހޭލާ ގޮތަށް އެންމެފުރަތަމަ ބޮނީ އެޕަލް ސައިޑާ ވިނިގާ ކަމަށާއި، އޭގެފަހުން މެންދުރު ގަޑީގައި ކަނީ ދެ ރޮއްޓާއި ރިހަ ކަމަށް ބުންޏެވެ. “ދެ ރޮށި އިނގޭ. ތިނެއް ނޫން”، ޝެހެނާޒް ޔަގީންކޮށްދިނެވެ.

އެއަށްފަހު ދެން ހަވީރު ގަޑީގައި ސައިތަށްޓެއް ބޮނީ ކަމަށާއި، ގިނަ ދުވަސްދުވަހު ރޭގަނޑު ނިދަނީ މޭވާއެއް ކައިގެން ކަަމަށް ބުންޏެވެ. “މޭވާއެއް ނެތިއްޔާ ހުސްބަނޑާ ނިދަނީ”، ޝެހެނާޒް ބުންޏެވެ.

އޭގެ އިތުރުންވެސް ޝެހެނާޒް ވަނީ ބަރުދަން ލުއިކުރުމާ ބެހޭގޮތުން ބައެއް އިންޓަވިއުތަކުގައި ވާހަކަދައްކައިފައެވެ. އޭނާ ބުނީ މިދިޔަ އަހަރުގެ ލޮކްޑައުން ތެރޭގައި 12 ކިލޯ ހިއްކާލީ އެއްވެސް ކަސްރަތަކާ ނުލައި، ހަމައެކަނި ޑައިޓް ކޮށްގެން ކަމަށެވެ. ކުރިން ކައި އުޅުނު ޗޮކްލެޓުތަކާއި، އައިސްކްރީމް އަދި ހުރިހާ މަހުގެ ބާވަތެއް ކެއުން ހުއްޓައިލީ ކަމަށް ކިޔައިދިނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!