އިސްމާއީލް ފަތުހީގެ އާއިލާއަށް ރައީސްގެ ތައުޒިޔާ ވިދާޅުވެއްޖެ

ކުރީގެ އޮޑިޓާ ޖެނަރަލް އިސްމާއީލް ފަތުހީ ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އިސްމާއީލް ފަތުހީ އަވަހާރަވީ ކޯވިޑު ބަލީގެ އާލާސްކަންފުޅުގައި މިއަދު ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. ރައީސްގެ މެސެޖްގައި ވިދާޅުވީ މި ހަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި އިސްމާއީލް ފަތުހީ އަކީ ރާއްޖޭގެ އޮޑިޓް ދާއިރާ އާއި މާލީ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

އިސްމާއީލް ފަތުހީ ހާއްސަ ގޮތެއްގައި ފާހަގަކުރެވެނީ ރާއްޖޭގެ އޮޑިޓް ދާއިރާގަ އާއި މާލީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އޮޑިޓް އޮފީސް ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިންގެވުމުގެ އަމަލީ މަސައްކަތްތައް ފެއްޓެވި ބޭފުޅަކީ ވެސް އިސްމާއީލް ފަތުހީ އެވެ.

އިންޑިއާގެ ބޮމްބޭ ޔުނިވަސިޓީން ކޮމާސް ޑިގްރީއެއް ހާސިލް ކުރައްވައިގެން 1969 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމުން، އޮޑިޓް އޮފީހުގެ އޮޑިޓާ ކަމުގެ މަގާމު ސަރުކާރުން އެމަނިކުފާނަށް ދެއްވި އެވެ. އެއާ އެކު މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި މުހިއްމު މަސައްކަތްޕުޅުތަކެއް އިސްމާއީލް ފަތުހީ ކުރެއްވި އެވެ. އެގޮތުން އެކައުންޓްސް ދަސްކޮށްދިނުމަށް އިސްނަންގަވައިގެން މެއި 18، 1969 ގައި ހިންގަވަން ފެއްޓެވި ކްލާހުގެ މުދައްރިސަކީ ވެސް އެމަނިކުފާނެވެ.

ސީދާ އޮފީސްތަކާ ބެހޭ ބަޖެޓް މައުލޫމާތާއި، ދުވަހުން ދުވަހަށް ބަޖެޓަށް ވަމުންދާ ގޮތާއި، ބޮޑު އިސްޓޯރުގައި ހުރި ފައިސާގެ ހިސާބަކީ އަބަދު ބަލަމުން ގެންދަންޖެހޭ އެއްޗަކަށްވާތީ އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ކަމާ ގުޅޭ އިރުޝާދާއި ލަފާ ސީދާ ދެއްވަމުން ގެންދެވި ބޭފުޅަކީވެސް އިސްމާއީލް ފަތުހީ އެވެ. ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ގަވާއިދު، ފޮތެއްގެ ސިފައިގައި ފުރަތަމަ ނެރުމުގައިވެސް ފަތުހީގެ ހިއްސާ ވަރަށް ބޮޑެވެ.

ސަރުކާރުގެ ފައިސާއާއި މުދަލާއި ތަކެތީގެ ހިސާބުތައް ބެލެހެއްޓުމުގެ ދާއިރާއަށް ހާއްސަކޮށް، އޮޑިޓް އޮފީހަށް ބޭނުންވާ މީހުން އުފެއްދުމުގެ ހަރަކާތްތައް، އަހަރުތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު 1981 ވަނަ އަހަރު އަލުން ފެށުނު ކްލާސްތަކުގައި ކިޔަވައިދެއްވީ ވެސް އިސްމާއީލް ފަތުހީ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވިއިރު އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީ ގޮތް އިންތިޒާމް ކުރުމުގެ މަސައްކަތުގައި އިސްމާއީލް ފަތުހީ މުހިއްމު ދައުރެއް އަދާކުރައްވާފައިވެ އެވެ. ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އުފެއްދުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާއި އަދި އެ ސަރުކާރު ހިމެނިފައިވާ ކުންފުނި، އިންޓަނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮމްޕެނީއާ ކުރެވުނު މަޝްވަރާތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅަކީ ފަތުހީ އެވެ. އަދި ކަމާބެހޭ އެގްރީމަންޓް އެކުލަވައިލުމާއި، ބޭންކަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ވެސް ފަތުހީގެ ދައުރު ހާއްސަ ގޮތެއްގައި ފާހަގަކުރެވެ އެވެ.

އިސްމާއީލް ފަތުހީ އަކީ ސަރުކާރުގެ މުދަލާއި ފައިސާ ހަރަދުކުރުމުގައި ސަރުކާރުން ގެންގުޅުނު އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވަޑައިގެން ހުންނެވި އަދި އޮޑިޓް ދާއިރާގެ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. ދިވެހި ދައުލަތަށް 46 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އެމަނިކުފާނު ވަނީ ހިދުމަތް ކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!